ހައްލުފެށެނީ ފަރުދުންގެ ކިބައިން - ރައީސް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ހައްލުފެށެނީ ފަރުދުންގެ ކިބައިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ ސާފުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ބޭއްވި ސާފުކުރުމުގެ ޙަރަކާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތަރައްޤީގައި ކިތަންމެ ކުރިއަށްދިޔަޔަސް، ޖަޒީރާވަންތަ ސިފަ ދެމެހެއްޓޭނީ، ދިވެހިންގެ މި ޗާލު ވެށި ސާފުތާހިރުކޮށް ބަލަހައްޓައިގެންކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސާފުތާހިރުކަމަށް ލޯބިކުރާ، ގޮތްހުރި ބަޔަކު ދިރިއުޅޭ ޖަޒީރާރަށްތަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އިތުރަށް ވިދާޅުވީ ކުނި ނައްތާލުމަކީ، މި ރާއްޖޭގެ ކޮންމެ ރަށަކަށްމެ ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައެއްކަމަށެވެ. އަދި މިފަދަ ކޮންމެ މައްސަލައެއްގެ ޙައްލު ފެށެނީ، ފަރުދުންގެ ކިބައިން ކަމުގައިވާތީ، މިކަމުގައިވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށްބޮޑުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖު ކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއްކަން ވިސްނައިދީ، އެ އާދަކާދަ އެންމެންގެ ކިބައިގައި އަށަގެންނެވުންކަމަށް މީގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމަކީ ސިލްސިލާ ގޮތަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެއްޓުމަށް މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ރައީސް އިބްރާހިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. އަދި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް