ފައިސާ ނުދިނުމުން ބޭބެ މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މީހަކު ތިން މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފި
ފައިސާ ނުދިނުމުން އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެއަށް މަރުގެ އިންޒާރުދީ ބިރުދެއްކި ކަމުގެ ކުށް ސާބިތުވެ، ހދ. ކުޅުދުއްފުށި، މީހަކު ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގެ ދަޢުވާއެވެ.
ދަޢުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، 27 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރުފަހު 14:20 އެހައިކަންހާއިރު، އެމީހާ ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ވަޒީފާ އަދާކުރާ ހދ. ކުޅުދުއްފުށީ ދިރާގު އޮޕަރޭޝަން ސެންޓަރަށް ގޮސްފައެވެ. އަދި ބޭބެ އަތުން ފައިސާ ހޯދުމަށް އެދުމުން، އަތުގައި ފައިސާ ނެތްކަމަށް ބުނުމުން އޭނާ ވަނީ ރުޅިގަދަވެ، “ފައިސާ ހުންނާނެ ކަމަށާއި ތިޔަ އުޅެނީ ފައިސާ ނުދޭން“ ކަމަށް ބުނެ އަޑުގަދަކޮށްފައެވެ.
އަދި ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އިތުރުން، އެ މައްސަލަ ރިޕޯޓްކުރުމުން ފުލުހުން އެ ސަރަޙައްދަށް ދިޔަ ފަހުން ވެސް ފުލުހުންގެ ހާޒިރުގައި ބޭބެއާ ދިމާއަށް މަރާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެއިތުރުން، ބޭބެއާއި ދިރާގުގެ އިތުރު މުވައްޒަފަކު އެތަނުގައި ތިއްބައި، އެ މީހުންނާ ދިމާއަށް ދުވެފައި ގޮސް ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށް ވެސް ދަޢުވާގައިވެއެވެ.
މި މައްސަލައިގެ ޝަރީޢަތުގެ އިބްތިދާއީ މަރުޙަލާގަޔާއި އަވަސްނިޔާގެ އަޑުއެހުމުގައި އެ މީހާ ވަނީ ދަޢުވާއަށް އިޢުތިރާފުވެފައެވެ. އެހެންކަމުން ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް މި ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި އެމީހާގެ މައްޗަށް ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާތީ އަދަބުގެ މިންގަނޑު އެއް ދަރަޖަ މަތިކުރަން ޖެހުނު ނަމަވެސް، އޭނާ ކުށަށް އިޢުތިރާފުވެފައިވުމާއި އަދި އަނިޔާ ލިބުނު ފަރާތް ކަމަށްވާ އޭނާގެ ބޭބެ މި މައްސަލަ ދޫކޮށްލަން އެދި ލުއި ދިނުމަށް އެދިފައިވާތީ، ފަނޑިޔާރުގެ އިޚްތިޔާރުގެ ދަށުން އަދަބު ވަނީ ދެ ދަރަޖަ ދަށްކޮށްފައެވެ. އެހެންކަމުން ޖުމްލަ އަދަބެއްގެ ގޮތުގައި ކަނޑައެޅުނީ 3 މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ.
ނަމަވެސް، ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހުރި 16 ދުވަސް ޙުކުމުގެ މުއްދަތުން އުނިކުރުމަށްފަހު، ކޯޓުން ޙުކުމްކޮށްފައިވަނީ އިބްރާހީމް ޙަސަން 3 (ތިނެއް) މަހާއި 2 (ދޭއް) ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް