ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި މިއަދު ހަވާލުކޮށްފިއެވެ.
މަގުބައްތިތަކާ ހަވާލުވުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާއާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެ ޤައުމުގެ ސަފީރު ކޮންގް ޝިއަންހުއާއެވެ.
މި މަގުބައްތިތައް ހަދިޔާކުރީ ރާއްޖެ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުންނެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ކޮންގް ވިދާޅުވީ، ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސާ ދެމެދު މިދިޔަ އަހަރު ބޭއްވުނު ބައްދަލުވުމުގައި ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ލިބޭ މަގުބައްތިތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކުރިން ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ވަނީ ތިން ރަށެއްގައި ހަރުކޮށްފައެވެ. އާ ބައްތިތަކާއެކު އިތުރު ރަށްރަށުގައި ވެސް މަގުބައްތި ހަރުކުރެވި، ރާއްޖެ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ސަރުކާރުގެ މަސައްކަތް އިތުރު ކުރިއެރުން ލިބޭނެކަމަށް ސަފީރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް