ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި؛ ހުކުމް އިއްވުން ވަނީ ފަސްކޮށްފައި
ފެނަކައިގެ ޕްރޮކިއުމަންޓް މަސައްކަތެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީ ކެންސަލްކޮށްފިއެވެ.
ޝަރީއަތުގެ ކުރިމައްޗަށް ދައުވާ ސާބިތުވެފައިވަނީ، ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް މަރިޔަމް ދީނާ ސޯލިހުގެ މައްޗަށެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް، އޭނާއަށް ދޭނެ އަދަބެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ފެނަކައާއި ބްލޭޒަން އިންކް އާ ދެމެދު 2018 ވަނަ އަހަރު ވެވުނު 848,000 ރުފިޔާގެ އެއްބަސްވުމަކާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާ ގޮތުގައި، ބްލޭޒަނުން މަސައްކަތް ނިންމާފައި ނުވާއިރު، އަދި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިކަން ކަށަވަރު ނުކޮށް، ފެނަކައިން އެ ކުންފުންޏަށް ފައިސާ ދައްކާފައިވެއެވެ.
ހަމަ މި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވެއެވެ. ދެ މީހުންގެ މައްޗަށް ދައުވާ އުފުލީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ސައީދުގެ މައްޗަށް ކުށް ސާބިތުވެ، 28 ސެޕްޓެމްބަރު 2025 ގައި އޭނާއަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ދީނާގެ މައްސަލަ ކޯޓުގައި ދިގުލައިގެން ދިޔައިރު، އޭނާގެ މައްޗަށް ކުށް ސާބިތުވީ ސައީދަށް ހުކުމް ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް