ރަސްމާލެ މަޝްރޫއު: ފުލުހުން ތިބޭނެ، އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ
ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން މަޝްރޫއު ސަރަހައްދުގައި ފުލުހުންގެ މަރުކަޒެއް ނުހުންނާނެ ކަމަށާ ފުލުހުން ގާއިމުވެ ނުތިބޭނެ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދޮގު ކުރައްވައިފި އެވެ.
ރައީސް އެ މޭރުމުން ވާހަކަ ދެއްކެވީ "ދަ ޕަލްސް" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން މަޝްރޫއު ސަރަހައްދުގައި ފުލުހުންގެ މަރުކަޒު ހުންނާނެ ކަމަށެވެ. އަދި ފުލުހުން ގާއިމުވެ ތިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ސަރަހައްދަކީ ދިވެހި ދައުލަތުގެ ބާރު ނުހިނގާ ވަކި ތަނެއްގެ ގޮތުގައި ދައްކަން ބަޔަކު މަަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލަން ކަމަށެވެ.
މީގެ އިތުރުން މޯލްޑިވް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ހަވާލުކުރާ ސަރަހައްދުގައި އެހެން ދީނަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަސްމާލޭގައި ބިދޭސީ ބޮޑު އާބާދީއެއް ވަޒަންވެރި ކުރުވާ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮންނާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ފިތުނަ އުފައްދަން ކަމަށެވެ.
ރަސްމާލެ އަކީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ހިނގާނެ ސަރަހައްދެއް ކަމަށާ ރާއްޖޭގެ ގާނޫނުތައް ފުރިހަމައަށް ހިނގާނެ ސަރަހައްދެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނު އަސާސީ ވަރަށް ސާފު. އެހެންވީމާ އެއްގޮތަކަށްވެސް ފުރުސަތެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް