އުނގޫފާރު ހޮސްޕިޓަލުގެ އެކްސްރޭ މެޝިން ހަލާކުވެ، ޚިދުމަތް ނުލިބޭތާ މަހަކަށްވުރެ ގިނަ ދުވަސް، ރައްޔިތުންނަށް ބޮޑު ދައްޗެއް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މައި އެކްސްރޭ މެޝިން ހަލާކުވެ، އާންމުކޮށް އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވުމުގެ ސަބަބުން، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި، މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިވަގުތު އެކްސްރޭގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ގެންނަ އިމަޖެންސީ ބަލިމީހުންނަށް އެކަންޏެވެ. އަދި އޯޕީޑީ މެދުވެރިކޮށް ޑޮކްޓަރަށް ދައްކައިގެން އާންމު އުސޫލުން އެކްސްރޭ ނަގަންޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ދިނުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މި މައްސަލައާ ގުޅިގެން އެ ސަރަޙައްދުގެ ރައްޔިތުން އެކްސްރޭގެ ޚިދުމަތް ހޯދުމަށްޓަކައި މިހާރު ދާންޖެހެނީ ކަނޑުދަތުރުކޮށްފައި ކައިރީގައި އޮންނަ ރ. ދުވާފަރު ޞިއްޙީ މަރުކަޒަށެވެ. ދުވާފަރުން އެކްސްރޭ ހެދުމަށްފަހު، އެ އެކްސްރޭގެ ރިޕޯޓު ދެއްކުމަށްޓަކައި އަނބުރާ އުނގޫފާރު ހޮސްޕިޓަލަށް އަންނަން ޖެހުމަކީ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެކެވެ. މީގެ ސަބަބުން ވަގުތާއި މާލީ ގޮތުން ބޮޑެތި ޚަރަދުތަކެއް ހިނގަމުންދާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރ. އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ ގިނަ ބަޔަކުވެސް ޞިއްޙީ ޚިދުމަތް ހޯދަމުން އަންނަ މައި ހޮސްޕިޓަލަކަށް ވުމާއެކު، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައިވާކަން އާންމުން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ބުނެފައިވަނީ، ހަލާކުވެފައިވާ މެޝިނުގެ ބަދަލުގައި އައު މެޝިނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އައު މެޝިން ލިބި، އިންސްޓޯލްކޮށް ކުރިއެކޭ އެއްގޮތަށް އާންމުކޮށް އެކްސްރޭގެ ޚިދުމަތް ދެވެން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް