ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ހައްޔަރުކޮށްފި
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މީހާ ހައްޔަރުކޮށްފި އެވެ.
އެ އަމަލު ހިންގަން ހިތްވަރުދީ ޕޯސްޓް ކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ޙަސަން ޒިހާން އަށެވެ.
އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި އިނގިރޭސި ބަހުން ވަނީ އެ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި ދައުލަތުގެ އެންމެ މަތީ ތިން ބާރު ހިންގާ މައި އިދާރާތަކުގައި އަލިފާން ރޯކޮށްލުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ވަނީ ހިތްވަރު ދީފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އަމަލަކީ ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ވަރަށް ސީރިއަސް ބޮޑު ޖިނާއީ ކުށެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި "ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން" މާނަކޮށްފައިވާ ގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް އެފަދަ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އަދި މިފަދަ ކަމަކަށް ހިތްވަރު ދިނުން ކަމަށް ބެލެވެނީ މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ދެވޭ ހިތްވަރެއް ކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުމަށެވެ.
މީގެއިތުރުން، އެއީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުން ކަމަށް ކަނޑައެޅުމުގައި އެމީހަކު ދެއްކި ވާހަކައެއްގައި ހިމެނޭ ކަންކަމާއި، އެ ވާހަކައެއް ބުނި މަހައްލާއި ހާލަތުގެ އިތުރުން މުއާމަލާތް ކުރަން ބޭނުންކުރި ވަސީލަތްތަކަށް ކޯޓުން ރިއާޔަތް ކުރަންޖެހެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް