ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކިޑްނީގެ ތޮރުފައިގެން ކުރި ފުރަތަަމަ އޮޕަރޭޝަން ކާމިޔާބު!
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކިޑްނީ ތޮރުފައިގެން ކުރި ހިލަ ނެގުމުގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބު ކުރައްވައިފިއެވެ.
މި ކަން ފާހަގަކޮށް އައި.ޖީ.އެމް.އެޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ޔޫރޮލޮޖީ ޑިޕާޓްމަންޓް ގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ކިޑްނީ ތޮރުފައިގެން ކުރާ ހިލަ ނެގުމުގެ ބޮޑު އޮޕަރޭޝަނެއް (PCNL - Percutaneous Nephrolithotomy) ކާމިޔާބު ކަމާއިއެކު އެ ހޮސްޕިޓަލްގައި ކޮށްފައިވާ ކަމަށެވެ.
މި ބޮޑު އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ ޑޮކްޓަރުންނަކީ، ޑރ. އަބްދުﷲ އަދްސަރ އާއި ޑރ. އިބްރާހީމް މިސްބާހް ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫތު ދެއެވެ.
އައިޖީއެމްއެޗް އިން އިތުރަށް ބުނީ، މި އޮޕަރޭޝަންއަކީ ކިޑްނީ ތޮރުފައިގެން ހިލަ ގޮއްވުމާއި ހިލަ ކޮޅުތައް ނެގުމަށް ކުރެވޭ އޮޕަރޭޝަނެއް ކަމަށެވެ. އަދި ހިލަ ގޮއްވުމުގެ މި އޮޕަރޭޝަނަކީ ރާއްޖޭގައި ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން ކަންވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
މި އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔުމުގައި ހޭނައްތާ ޑޮކުޓަރުންގެ ޓީމާއި ނަރުހުންގެ ބައިވެރިވުންވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް