އަލައްބާރަށް ފުރައްސާރަކުރުމުން ގެއްލުންވާނީ ރާއްޖޭގެ އިންވެސްޓްމަންޓްތަކަށް: ރައީސް ނަޝީދު
ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކުރި މައްސަލައިގައި، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް އަމާޒުކޮށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫޢު އީގަލް ހިލްސްއަށް ދިން މައްސަލާގައި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ އިއްޔެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގައި އޭނާ ވަނީ އެއްބަސްވުމާ ދެކޮޅަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.
އެ ގަރާރު ހުށަހަޅާފައިވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއާ ގުޅުވައިގެން ސީދާ އަލައްބާރަށް ފުރައްސާރަކުރުމުގެ ސަބަބުން، ރާއްޖޭގައި މިހާރު ހުރި ޔޫއޭއީގެ އިންވެސްޓްމަންޓްތަކަށް ވެސް ނޭދެވޭ އަސަރުކޮށް، ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.
އަދި މަޝްރޫޢުއާ ގުޅޭގޮތުން ޕާޓީން މިހާރު ވެސް ރަސްމީ ބަޔާނެއް ނެރެފައިވާނެ ކަމަށެވެ.
"މެންބަރުންނަށް ދަންނަވާލަން ބޭނުން. އަލީ އާޒިމް ޕާޓީއިން ވަކިކުރީ މަޖިލިސްގެ މެންބަރަކަށް ހުންނަވާ ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން. އީގަލް ހިލްސް ކަންތަކާ ގުޅޭ ގޮތުން ޕާޓީން ވަނީ ބަޔާނެއް ނެރެފައި،" ރައީސް ނަޝީދު ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
އެ ބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް