ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އެކަން އިޞްލާޙުކުރަން އަންގައި ނޯޓިސް ދީފި އެވެ.
މި އިންސްޕެކްޝަނަކީ ކޮންސިއުމަރ ޕްރޮޓެކްޝަން އެކްޓް ނުވަތަ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރިކުރާ ތަންތަނުގައި މުދަލުގެ އަގު ސާފުކޮށް ފެންނަން ހުރިތޯ ކަށަވަރުކުރުމުގެ ގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އިޤްތިޞާދީ ވުޒާރާއިން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ހިނގާ މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 34 ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރެއިން ޤާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހައިގެން ވިޔަފާރިކުރަމުން ދިޔައީ 17 ފިހާރައެއްގައެވެ. އަދި ބާކީ 17 ފިހާރައިން ޤާނޫނާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ފެއްތުމަށް އެ ތަންތަނަށް ވަނީ ރަސްމީކޮށް ނޯޓިސް ދީފައެވެ.
މުދާ ގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން ގަންނަ މީހާއަށް ސާފުކޮށް އެނގެން ނެތް ނަމަ، އެ މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށް ބަލާއިރު، މުދަލުގައި އަގު ޖެހިކަމަށް ބެލެވޭނީ ސީދާ މުދަލުގައި އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުމުން ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި އެއީ ކޮން އެއްޗެއްގެ އަގެއްކަން ސާފުވާނޭހެން ލިޔެ ބަހައްޓާފައި ހުރުމުންނެވެ.
ވިޔަފާރި ކުރާ ބައެއް ތަންތަނުން މުދަލުގެ އަގު ސާފުކޮށް އެނގެން ނުހުންނަ ކަމުގެ ޝަކުވާ ޢާންމުންގެ ފަރާތުން ލިބެމުން އަންނާތީ، މިފަދަ އިންސްޕެކްޝަންތައް މެދުނުކެނޑި ކުރިއަށްގެންދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެއެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
މީގެއިތުރުން، ބާޒާރުގައި އަސާސީ މުދަލުގެ އަގުތައް ހުރި މިންވަރު ޢާންމުންނަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ވަނީ "އަގުމަގު" ޕޯޓަލްގެ ނަމުގައި ޚާއްޞަ ޕްލެޓްފޯމެއް ތަޢާރަފުކޮށްފައެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިހާތަނަށް 224 ފިހާރައެއް މި ޕޯޓަލްގައި ރަޖިސްޓްރީވެފައިވާއިރު، މީގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ދެފުށް ފެންނަ ގޮތެއްގައި ބެލޭނެ މަގުފަހިކޮށް، ޢާންމު ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ މާޙައުލެއް ޤާއިމުކުރުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް