ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ފުޅާކުރުމަށްޓަކައި ކަނޑާއި ވައިގެ މަގުން ދެ ޤައުމު ގުޅުވާލަން ޖެހޭކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ފެށި "ޕާކިސްތާން-ދިވެހިރާއްޖެ ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.
ބޮޑުވަޒީރު ވިދާޅުވީ މިހާރު ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފައި، ގުޅިގެން ކުރެވޭ މަސައްކަތްތަކުން މި އަމާޒަށް ވާޞިލްވުމަށް ތައްޔާރުވުމަކީ ދެޤައުމުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން، ރައީސް ޑރ. މުޢިއްޒު ރާއްޖެ ވަޑައިގަތުމާއެކު، ރާއްޖެއަށް މުދާ އެކްސްޕޯޓްކުރުމުގެ ތަޖުރިބާހުރި ވިޔަފާރިވެރިންނާއި، ކަމާބެހޭ ވަޒީރުން އަދި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ފޮނުވުމަށް ނިންމާފައިވާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. މި މަސައްކަތްތައް ލަސްނުކޮށް ވަގުތުން ފެށުމަކީ ކޮންމެހެން މުހިންމު ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަނޑުގެ މަގުން ގުޅާލުމަކީ ވެސް އެހާމެ ބޭނުންތެރި ކަމެކެވެ. ކަރާޗީ ނުވަތަ ގްވާދަރުން މާލެއަށް ސީދާ ދަތުރުކުރާ އިތުބާރުހުރި ޝިޕިންގް ޝެޑިއުލެއް ނެތި، އަޅުގަނޑުމެންގެ އަމާޒުތަކަށް އެންމެ ފުރިހަމައަށް ވާޞިލެއް ނުވެވޭނެ. އެހެންކަމުން، ކަމާބެހޭ ވަޒީރުން މަޝްވަރާކުރައްވައި، ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވަން ޖެހޭ
ވައިގެ މަގުން ގުޅާލުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ޝެހްބާޒް ޝަރީފް ވިދާޅުވީ، މިހާރު މާލެއާއި އިސްލާމްއާބާދާ ނުވަތަ ކަރާޗީއާ ދެމެދު ސީދާ ދަތުރުތަކެއް ނެތުމަކީ ބޮޑު ހުރަހެއް ކަމަށެވެ. އެހެންކަމުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ނުވަތަ އެހެން އެއާލައިނެއް މެދުވެރިކޮށް ނަމަވެސް، ފަތުރުވެރިންނާއި ވިޔަފާރިވެރިންނަށް ޚިދުމަތް ދެވޭނެހެން މާލެއަށް ސީދާ ދަތުރުތައް ފެށޭނެ ގޮތްތަކެއް ބެލުމަށް އެޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ އެއާލައިނެއްގެ ދަތުރުތައް ޕާކިސްތާނަށް ފެށުމަށްޓަކައި އަވަސް ރޭވުމެއް އެކުލަވާލުމަށް ރައީސް ޑރ. މުޢިއްޒު އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ވަފުދަށް ދައުވަތުދީގެން ވީހާވެސް އަވަހަކަށް މަސައްކަތްތައް ނިންމުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޕާކިސްތާނުގެ ވަފުދު ރާއްޖެއަށް ކުރާ ޒިޔާރަތުގައި، މިހާރު ދެކެވުނު ވާހަކަތައް ރަސްމީ އެއްބަސްވުންތަކަކަށް ބަދަލުވެގެންދިއުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ހަމައެކަނި ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކެއްގައި ސޮއިކުރުމުގެ ބަދަލުގައި، ރަސްމީ ވަރުގަދަ އެއްބަސްވުންތަކެއް ޤާއިމުކުރުމަކީ ދެޤައުމުގެ މުޢާމަލާތްތަކަށް ލިބޭނެ އިތުރު އިތުބާރެއް ކަމުގައި އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް