މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޢަލީ ޝަރީފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ނާޒިރެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާރު ބޭނުންކުރަމުންދާ ނިޒާމުގެ ހޮޅިތަކާއި ޕަމްޕް ސްޓޭޝަންތައް މަރާމާތުކުރުމާ އެކު ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވީ މަހިބަދޫއަކީ އާބާދީ ބޮޑު ރަށަކަށްވެފައި، އެ ރަށުގެ ނަރުދަމާ ނިޒާމަށް ގިނަ ދުވަސްވެފައިވާތީ މި އަޕްގްރޭޑް ވަރަށް މުހިންމު ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ދުވަސްވެފައި ހުރި ފެނާއި ނަރުދަމާ ނިޒާމުތައް މަރާމާތުކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖުމްލަ 21,572,640.09 ރުފިޔާގެ މި މަޝްރޫއު ނިންމަން ހަވާލުކުރީ ސޮއިކުރި ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް