މައްސަލަތައް ދިގުލައިގެން ނުދާނެހެން މަސައްކަތްތައް ބައްޓަންކުރަންޖެހޭ: އުއްތަމަފަނޑިޔާރު
ކޮންމެ ޙާލަތެއްގައި ވެސް ޝަރީޢަތުގެ މަރުޙަލާތައް ދިގުދެމިގެން ނުދާނޭހެން، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަސައްކަތްތައް ބައްޓަންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންސާފު ލަސްވުމަކީ އިންސާފުން މަޙްރޫމުވުން ކަމުގައި ދެކޭ ބައިނަލްއަޤްވާމީ މަފްހޫމަށް އަލިއަޅުއްވާލައްވައި، އެއީ އެންމެން ވެސް އެއްބަސްވާ މުހިންމު ޙަޤީޤަތެއްކަން ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ރައްޔިތުން ޢަދުލުއިންސާފު ހޯދުމަށްޓަކައި ޝަރުޢީ ކޯޓުތަކުގެ ދޮރުގައި ޓަކިދެނީ، އަމިއްލަ އިޚްތިޔާރުގައި ސުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެ، ކެތްތެރިކަން ކޮޅުންލުމުން ކަމަށެވެ. އެހެންކަމުން، ޝަރުޢީ ނިޒާމާއި ފަނޑިޔާރުންނާމެދު ރައްޔިތުން ކުރާ އުންމީދު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވަމުން، ގެއްލިފައިވާ ޙައްޤުތައް ވީއެންމެ އަވަހަކަށް އިޢާދަކޮށްދީ، ކުރިމަތިވެފައިވާ ދަތި ޙާލަތްތަކަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ޝަރުޢީ ދާއިރާގެ މަސައްކަތްތައް އަބަދުވެސް ރޭވިފައި އޮންނަންވާނީ މައްސަލަތައް ދިގުލައިގެން ނުދާނޭ ފަދަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމާއެކު، ލަސްނުކޮށް ރައްޔިތުންނަށް އިންސާފުވެރި ޙުކުމެއް ނުވަތަ ނިންމުމެއް ފޯރުކޮށްދިނުމަކީ، ޢަދުލުގެ ނިޒާމާމެދު ޢާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސެއް ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް