މެންބަރުންގެ ހެލްތު އިންޝުއަރެންސް އާންމުންނަށް ދޭން ގޮވައިލާ ޕެޓިޝަނެއް މަޖިލީހަށް
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ ޚާއްޞަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ. މި ޕެކޭޖަކީ އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ ގާތްގަނޑަކަށް 19 ގައުމަކުން ޚިދުމަތް ލިބޭ ގޮތަށް އެކުލަވައިލެވިފައިވާ ޕެކޭޖެކެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނީ، މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައުލަތުން މެންބަރަކަށް އަހަރަކު ޚަރަދުކުރަނީ 24،000 ރުފިޔާ ކަމަށެވެ. އަދި މި ޕެކޭޖުގެ ދަށުން މެންބަރަކަށް އަހަރަކު 1.35 މިލިއަން ރުފިޔާއާ ހަމައަށް ފަރުވާގެ ޚިދުމަތް ލިބުނު ކަމުގައި ވިޔަސް، އެއީ އިންޝުއަރެންސް ކުންފުނިން ހަމަޖައްސައިދޭ ފައިސާ ކަމަށާއި، އެކަމަށް ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދެއް ހިނގަން ނުޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާޙް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާސަންދަ ސްކީމުގެ ދަށުން އާންމުންގެ ފަރުވާއަށް ހިނގާ އެންމެހައި ޚަރަދުތައް ސީދާ ދައުލަތުގެ ބަޖެޓުން ހަމަޖައްސަން ޖެހުމަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައެކެވެ. މީގެއިތުރުން، މެންބަރުންގެ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި ހުރުމާއި ކެއުމުގެ ޚަރަދު ނުހިމެނޭ ކަމަށާއި، އެ ޚަރަދުތައް ބަލަހައްޓަވަނީ މެންބަރުންގެ އަމިއްލަ ޚަރަދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުޢަމް ސަޢުދު ހުށަހެޅި މި ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ، ދައުލަތަށާއި ރައްޔިތުންނަށް މާލީ ގޮތުން ލުއިފަސޭހަ އަދި ފައިދާހުރި ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތު އޮއްވައި، ދައުލަތަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހޭ ގޮތަށް އާސަންދަ ނިޒާމު ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރެވޭނެ ހަރުދަނާ އުސޫލުތަކަކުން ޞިއްޙީ އިންޝުއަރެންސް ސްކީމެއް ހިންގުމަކީ ސަރުކާރުގެ ޤާނޫނީ ޒިންމާއެއް ކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ.
އެހެންކަމުން، މެންބަރުންނަށް ލިބިވަޑައިގަންނަވާ ފަދަ "ދައުލަތަށާއި އާންމުންނަށް ވެސް ފައިދާ ބޮޑު" އިންޝުއަރެންސް ޕެކޭޖެއް ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޕެޓިޝަންގައި ވަނީ އެދިފައެވެ.
ހޯމަ ދުވަހު ހުށަހެޅި މި ޕެޓިޝަނަށް މިހާތަނަށް 22 ފަރާތަކުން ސޮއިކޮށްފައިވެއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ އިންތިޒާމު ތަޢާރަފުކުރުމާ ގުޅިގެން، މަޖިލީހުގެ ތަޅުމަށް އެންމެ ފުރަތަމަ ހުށަހެޅުނު އެއް ޕެޓިޝަނަކީ ވެސް އާންމު ރައްޔިތުންނަށް ނުލިބޭ، އަދި މަޖިލިސް މެންބަރުންނަށް ޚާއްޞަކޮށްފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނެކެވެ. އެ ޕެޓިޝަނަކީ ވެސް މިދުޢަމް އިސްނަގައިގެން ހުށަހެޅި ޕެޓިޝަނެކެވެ.
މި މައްސަލައިގައި ވެރިކަންކުރާ ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން އިންޝުއަރެންސް އުވާލުމަށް ތާއީދުކުރެއްވި ނަމަވެސް، ގިނަ މެންބަރުން ވަނީ އެ ޕެޓިޝަން ހުށަހެޅުމުގެ އަސްލު މަޤްޞަދާމެދު ސުވާލު އުފައްދަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް