ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅުވައިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ، ސަރަޙައްދީ ގޮތުން ވާދަވެރި ބޮޑެތި ޤައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށެވެ. އަދި ޕާކިސްތާނާއެކު ރާއްޖެއިން މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އަވައްޓެރި އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް ފާޑުވިދާޅުވެ، މީގެ ކުރިންވެސް ނަޝީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މި މަހުގެ ތެރޭގައި ވެސް ރާއްޖެ އިޤްތިޞާދީ ގޮތުން ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާއިން ދިން ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުން ކަމަށެވެ. އަދި އެކަން އެހެން އޮއްވައި، ރައީސް މުޢިއްޒު ވަޑައިގެންނެވީ ޕާކިސްތާނަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށް، ލިޔެކިޔުންތައް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް