ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަމަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގިނަ ގެތަކެއްގައި ފެންބޮޑުވުމާ ގުޅިގެން ބައެއް ޢާއިލާތައް ރައްކާތެރި ތަންތަނަށް ބަދަލުކުރަން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރެއިން ފެށިގެން ހުއްޓުމެއްނެތި ވެހެމުންދާ ވާރޭގެ ސަބަބުން ނޮޅިވަރަމުގެ 95 އިންސައްތަ ގެތަކަށް ވަނީ ފެން ވަދެފައެވެ.
އަދި ގޭގޭގައި ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހާލުގައި ޖެހުނު ބައެއް ޢާއިލާތައް މިހާރު ވަނީ އެހެން ގެތަކަށް ބަދަލުކުރެވިފައެވެ.
ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.
ނޮޅިވަރަމްގެ އިތުރުން އުތުރުގެ އެހެން ބައެއް ރަށްރަށަށްވެސް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. އެގޮތުން ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެސިޓީގެ ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފް އަދި ރެޑް ކްރެސެންޓް ގުޅިގެން ފެން ހިންދުމާއި ގެތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހަމައެއާއެކު، ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި، 60 އަށްވުރެ ގިނަ ގެއެއްގެ އަޑިން ފެންއަރައި، ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވެއެވެ. އެ ރަށުގައިވެސް ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެއިތުރުން، ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ދެ ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާއިރު، އެ ރަށުގައިވެސް ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް