ސައުދީ ޓީމުގެ ޑިފެންޑަރު މެސީ އާއި ދިމާއަށް ބުނީ ކީކޭކަން ހާމަކޮށްފި!
އިއްޔެ ސައުދީ އަރަބިއްޔާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން، ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް މަންޒަރަކީ ސައުދީގެ ޑިފެންޑަރު އަލީ އަލް-ބުލައިހީ އާއި އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީ އާއި ދެމެދު ހިނގައިދިޔަ ކުރު މުއާމަލާތެވެ.
އެގޮތުން، މެޗުގެ ދެވަނަ ހާފުގެ ތެރެއިން ސައުދީ ޓީމުން ދެވަނަ ލަނޑު ޖަހައި ލީޑް ނެގިތާ އިރުކޮޅެއް ވެފައި ވަނިކޮށް، އަލް- ބުލައިހީ މެސީގެ ބުރަކަށީގައި ޖަހާލުމަށްފަހު ވަރަށް ބާރަށް އޭނާއާއި ދިމާއަށް އެއްޗެއް ބުނުމަށްފަހު އުފަލުން ދުވެފައި ދިޔަ މަންޒަރު ފެނިގެންދިޔައެވެ.

އަލް-ބުލައިހީގެ މި އަމަލާއި ގުޅިގެން ހިނދުކޮޅަކަށް ބަސް ހުއްޓިފައި، ވާނުވާ ނޭނގިފައި ކަހަލަ ގޮތަށް މެސީ ހުރި އިރު، އޭގެ އިރު ކޮޅެއް ފަހުން އޭނާވަނީ އަލް-ބުލައިހީ އާއި ދިމާއަށް ބަލާލުމަށްފަހު ހީލާފައެވެ. މެސީގެ އެ ހީލުމަަށް އެވަގުތު ބުލައިހީ ރައްދު ނުދިން ނަމަވެސް، މެޗު ނިމުނުކަން އަންގައި ރެފްރީ ފުންމާލުމާއިއެކު އޭނާވެސް ވަނީ ހީލާފައެވެ.

އިއްޔެގެ މެޗަށްފަހު އަލް-ބުލައިހީ މެސީއާއި ދިމާއަށް ބުނީ ކީކޭތޯ، އޭނާއާއި ނޫސްވެރިން ސުވާލު ކުރުމުން، އޭނާ ވަނީ އެވާހަކަ ކިޔައިދީފައެވެ.
"އަހަރެން އޭނާ (މެސީ) އާއި ދިމާއަށް ބުނީ، ކަލޭމެން މޮޅެއް ނުވާނެ އޭ، ކަލޭމެން މޮޅެއް ނުވާނެ އޭ". އަލް-ބުލައިހީ ބުންޏެވެ.
އިއްޔެގެ މެޗަށްފަހު، ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެސީ ވަނީ، ސައުދީ ޓީމުގެ ކުޅުންތެރިންނަށް ތައުރީފްކޮށް އެ ޓީމުގައި ތިބީ މޮޅު ކުޅުންތެރިން ކަމަށް ބުނެފައެވެ. އަދި މެޗުން ބަލި ވުމުން އެކަމާއި ގުޅިގެން ދައްކާނެ ބަހަނާއެއް ނެތް ކަމަށާ، ކުރިއަށް އޮތް ތަނުގައި ޓީމު އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް