ވަތަނީ ހިދުމަތުގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް މާފިލާފުށީގައި ފަށައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗުގެ 352 ދަރިވަރުންނަށް ދޭ ތަމްރީނު، ޅ. މާފިލާފުށީގައި މިއަދު ހެނދުނު ފަށައިފިއެވެ.
މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމް ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު، ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
14 ހަފުތާ ދެމިގެންދާ މި ތަމްރީނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 288 ފިރިހެނުންނާއި 64 އަންހެނުން ހިމެނެއެވެ. އެމީހުން ނިސްބަތްވަނީ 20 އަތޮޅުގެ 125 ރަށަކަށެވެ. ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.
ދަރިވަރުންނަށް ދިވެހި ޤައުމިއްޔަތާއި ޒިންމާދާރު ރައްޔިތަކަށް ވުމުގެ އިތުރުން، ދީނީ ތަޢުލީމާއި ލީޑަރޝިޕާއި ބަހުގެ ހުނަރު ދަސްކޮށްދެވޭނެއެވެ. ހަށިހެޔޮކަން އިތުރުކުރުމަށް ކަސްރަތުގެ ތަމްރީނު ދެވޭއިރު، އަޚްލާޤާއި ސުލޫކު ރަނގަޅުކުރުމަށް ހެވިކަމުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންދެވޭނެއެވެ. ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްއާއި ކޭމްޕް ހަރަކާތްތައް ދަސްކޮށްދިނުމާއެކު، އަސްކަރީ ތަމްރީނުގެ ތަޢާރަފެއް ވެސް ދެވޭނެއެވެ.
ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ނިމުނުކަމުގެ ސެޓްފިކެޓް ލިބޭއިރު، މުޤައްރަރުގެ ހުރިހާ މިންގަނޑެއް ހާސިލުކުރާ ދަރިވަރުންނަށް "ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް" ދެވޭނެއެވެ. ފަޔަރ ފައިޓިންގ މޮޑިއުލުން ފާސްވާ ދަރިވަރުންނަށް "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ" ސެޓްފިކެޓާއި، ފަސްޓް އެއިޑް މޮޑިއުލުން ފާސްވާ ދަރިވަރުންނަށް "ބޭސިކް ފަސްޓް އެއިޑް" ސެޓްފިކެޓް ދެވޭއިރު، "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް "ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ" ސެޓްފިކެޓް ލިބޭނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ ނޭޝަނަލް ސަރވިސް ޓްރޭނިންގ ސެންޓަރ ޅ. މާފިލާފުށީގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ހަށިހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގައި ފެއްޓެވި ސިޔާސަތެކެވެ. ރައީސް މުޢިއްޒު އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ މުހިންމު ތަނބަކީ ވެސް މި ޕްރޮގްރާމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް