ސަވަރިން ފަންޑް 1.7 ބިލިއަން ރުފިޔާއަށް
ސަވަރިން ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ފައިސާގެ އަދަދު 1.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ވުޒާރާއިން ނެރެ އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯތްގައި ވާގޮތުން ސަވަރިން ފަންޑަށް މިހިނގާ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 1.72 ބިލިއަން ރުފިޔާ ޖަމާކޮށްފައި އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ފަންޑްގައި ހުރި އަދަދަށްވުރެ 395.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަވަރިން ފަންޑްގެ ޖަމާގައި 2.1 ބިލިއަން ރުފިޔާ ހުއްޓެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ސަވަރިން ފަންޑް 1.72 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މިހިނގާ އަހަރަކީ ރެކޯޑް މިންވަރަކަށް ދަރަނި ދެއްކި އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރަކީ ރައްޖޭގެ ތާރީހުގައިވެސް އެންމެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނައިން ދަރަނި ދެއްކި އަހަރެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
އަހަރުގެ މިހާތަނަށް 10.1 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، މީގެ ތެރެއިން އެންމެ ގިނައީ ރާއްޖެއިްނ ބޭރުގެ ދަރަންޏެވެ. ސަވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ދައުލަތުގެ ބޮޑެތި ދަރަނިތައް ދެއްކުމަށާއި، އިޤްތިޞާދީ ގޮތުން ދިމާވާ ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް