އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމުން އެމް.ޓީ.ސީ.ސީއަށް ދެ ސެޓްފިކޭޝަން
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް، އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ޝަރަފުވެރި ދެ އެކްރެޑިޓޭޝަނެއް ރަސްމީކޮށް ލިބިއްޖެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުތުތަކާއި މިންގަނޑުތަކަށް ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ވަރަށް ފުންކޮށް ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.
މިގޮތުން އެމްޓީސީސީއަށް ލިބިފައިވާ ދެ ސެޓިފިކޭޝަނަކީ:
އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޓްރެއިނީ ޑިވެލޮޕްމަންޓް (ޕްލެޓިނަމް): މިއީ އޭސީސީއޭގެ ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ އެމްޓީސީސީގެ ޓްރެއިނީންނަށް ކުންފުނިން ދެމުންގެންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްދޭ ޕްލެޓިނަމް ފެންވަރުގެ ސެޓިފިކޭޝަނެކެވެ.
އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަރ – ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް: މިއީ އޭސީސީއޭ ފުރިހަމަކޮށްފައިވާ މެންބަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް މެދުކެނޑުމެއްނެތި ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެމްޓީސީސީން ދެމިތިބިކަން ފާހަގަކޮށްދޭ ސެޓިފިކޭޝަނެކެވެ.
އެމްޓީސީސީގެ މެނޭޖްމަންޓުން ވިދާޅުވި ގޮތުގައި، މި ސެޓިފިކޭޝަންތައް ޙާޞިލުކުރުމަކީ އެ ކުންފުނީގެ އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން ތަރައްޤީކުރުމަށާއި، އެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ވަރަށް މުހިންމު ކާމިޔާބީއެކެވެ.
އަދި ކުރިމަގުގައިވެސް އެމްޓީސީސީގެ އަމާޒަކީ ކުންފުނީގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ވާސިލުވުމަށް މުވައްޒަފުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިއޮތުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް