އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި، މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ކޮންމެ މަހަކުވެސް ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަސްދުވަހުގެ ފްލެޓް ކުލި މުޅިން ހިލޭ ލިބިގެންދާނެއެވެ.
މި އިންތިޒާމާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ކުލި ދިރާގުޕޭ މެދުވެރިކޮށް މިހާރު ވަރަށް ފަސޭހަކަމާއެކު ދައްކާލެވޭނެއެވެ. އެގޮތުން، 'ފަހި ޕޯޓަލް' މެދުވެރިކޮށް ކުލި ދެއްކުމުގެ މަރުހަލާގައި 'ދިރާގުޕޭ' އިހުތިޔާރުކުރުމަށްފަހު، މޮބައިލް ނަންބަރު ޖަހައިގެން ފައިސާ ދެއްކުމުގެ މުއާމަލާތް ރައްކާތެރިކަމާއެކު އަވަހަށް ނިންމާލެވޭނޭކަމަށް އެފްޑިސީން ބުންޏެވެ. މީގެއިތުރުން، ދިރާގުޕޭ އަލަށް ބޭނުންކުރަން ފަށާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު، ފްލެޓުގެ ކުލި ދައްކައިގެން މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދިރާގުން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ކުރެވޭ އެކި ފައިސާގެ މުއާމަލާތްތަކުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ބާރުއަޅައި، އެކަމަށް އާންމުން އަހުލުވެރިކުރުވުމެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދޭނެ ފަދަ ޒަމާނީ ފިންޓެކް ހައްލުތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް