ރައީސް ފ އަތޮޅަށް ވަޑައިގަންނަވަނީ
މި ހަފްތާ ބަންދުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފ އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެއްދޫ، އަދި ފީއައްޔަށް ކަމަށެވެ.
"އެ ރަށްރަށުގަ ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ނިންމާ، ހިދުމަތްތައް އިފްތިތާހު ކުރުން އޮންނާނެ،" މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ރަށެއްގެ ރައްޔިތުންނާނއި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް ބައްދަލު ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
އެ ބައްދަލުވުން ތަކުގައި ރަށްރަށުގެ ހާލަތު ސީދާ ކައުންސިލްތައް މެދުވެރިކޮށް ރައީސްއަށް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިއުވާން ފާހަގަ ކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް