މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން އިނގުރައިދޫއަށް ރަން ވަނަތަކެއް
މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުން ރ.އިނގުރައިދޫއަށް ނިސްބަތްވާ އުފެއްދުންތެރިން ރަން ވަނަތަކެއް ހޯދައިފިއެވެ.
ކިއްސަރު ވަޑާމާއި ތެދުއި ވަޑާމަށް މަޝްހޫރު އިނގުރައިދޫއިން މިފަހަރުގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އެރަށަށް ނިސްބަތްވާ 4 މީހަކު ބައިވެރިވިއެވެ. އެ 4 މީހުންގެ ތެރެއިން 3 މީހުން ވަނީ މައުރަޒުން ރަން ވަނަތަކެއް ހޯދާފައެވެ.
މިފަހަރުގެ މައުރަޒުގައި އެންމެ މަތީ ވަނަ ހޯދާފައިވަނީ ރ.އިނގުރައިދޫ ކުރެދިވަރުގެ ޢަބްދުއްރަޝީދު ޙަސަނެވެ. މައުރަޒުގައި އޭނާ ބައިވެރިކުރި ދޯންޏަށް ވަނީ މުޅި މައުރަޒުގެ ރަން ފަސް ފަސްވަނައިގެ ތެރޭގައި ހިމެނިފައެވެ. މި ވަނައަކީ މައުރަޒުގެ އެންމެ މަތީ ވަނައެވެ. ޢަބްދުއްރަޝީދު ވަނަ ހޯދާފައިވަނީ ކުޑީގެ އުފެއްދުންތައް ކެޓެގަރީންނެވެ.
މައުރަޒުގައި އިނގުރައިދޫއަށް ވަނަ ހޯދައިދިން އަނެއް ބައިވެރިއަކީ ކުޅަދާނަ ވަޑިއެއްކަމުގައިވާ މުހައްމަދު މޫސާއެވެ. މައުރަޒުގައި މިފަހަރު އޭނާއަށް އެއްވަނަ ލިބިފައިވަނީ ސަފާރީގެ މޮޑެލް ފަރުމާ ކުރުމުގެބައިންނެވެ. މިދިޔަ ފަހަރުގެ މައުރަޒުގައިވެސް ވަނީ ބައިވެރިވެ، ރަން ވަނައެއް ހޯދާފައެވެ.

މައުރަޒުގައި ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސްވެނިއާގެ ގިންތިން އެއްވަނަ ހޯދާފައިވަނީވެސް އިނގުރައިދޫންނެވެ. މިބައިން އެއްވަނަ ހޯދާފައިވަނީ އެރަށު ލައްގާހުރާ ސައީދު އުމަރެވެ. މި ގިންތިން ބައިވެރިކޮށްފައިވަނީ ދޯންޏެކެވެ. މިއީ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒެއްގައި ސައީދު ބައިވެރިވި ފުރަތަމަ ފަހަރެވެ.

އިނގުރައިދޫއިން މިދިޔަ ފަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުންވެސް ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. ތާރީހަށް ބެލިނަމަވެސް އިނގުރައިދޫއަކީ ކިއްސަރު ވަޑާމާއި ތެދުއި ވަޑާމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އިންޖީނު އެޅި ދޯނި ބަނުމުގައި އެންމެ އިސްކޮށް ހުންނެވި މާވަޑިއަކީ އިނގުރައިދޫއަށް ނިސްބަތްވާ ހުސައިން ކަލޭފާނެވެ.
އޮޑިދޯނި ފަހަރު ބަނުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ސަފާރީތައް ތައާރަފްވެގެން އާއިރު، ގިނަ ސަފާރީތައް ބަނުމުގައި އެންމެ ގިނައިން ހަރަކާތްތެރިވި އެއް ބަޔަކީ އިނގުރައިދޫއަށް ނިސްބަތްވާ މާވަޑިންނާއި އަތްދޮށުވަޑިންކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް