އިމާމް ކަމުގެ ޑިގްރީ ހާސިލް ކުރެއްވި ކޮއްކޮމެންނަށް ސަނަދު އެރުއްވީ ބޭބެ، ރައީސް ޞާލިހު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ރޭ ބާއްވާފައިވާއިރު އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.
ރޭގެ ޖަލްސާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެ ޔުނިވަސިޓީން އިމާމު ކަމުގެ ޑިގްރީ ހާސިލްކުރި 78 އިމާމުން ވެސް ހިމެނެއެވެ.

މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވާފައިވާއިރު، އެ އިމާމުންގެ ތެރޭގައި ރައީސް ޞާލިހުގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮއިން ހިމެނެއެވެ. އެއީ މޫސާ މުހައްމަދު ޞާލިހު (މޫސަބެ)އާއި، އަބްދުالله ޝާޒްލީ އާއި ހުސެއިން ޝަޔާޒް (ކުޑަ ހުސައިން)އެވެ.

މި ތިން ބޭފުޅުންނަކީވެސް ލޯފަން ބޭފުޅުންނެވެ. އަދި ތިން ބޭފުޅުންވެސްނަކީވެސް ގުރުއާން ހިތުދަސް ހާފިޒުންނެވެ. އަދި އިމާމު ކޯހުގެ އިތުރުން ގާރީ ކޯސް ފުރިހަމަ ކުރެއްވި ބޭފުޅުންނެވެ.
އޭގެ ތެރެއިން މޫސައަކީ ހިންނަވަރުގައި ހުކުރު ކުރާ ހަމައެކަނި މިސްކިތް، މަސްޖިދުލް އަންސޯރުގެ އިމާމުވެސްމެއެވެ.
ރޭގެ ޖަލްސާގައި ރައީސް ޞާލިހުގެ ތިން ކޮއްކޮއަށްވެސް ސަނަދު ދެއްވައި ހިއްވަރު ދެއްވުމުގެ ބަސްކޮޅެއް، ބޭބެ، ރައީސް ޞާލިހު ވިދާޅުވާތަންވެސް ވީޑިއޯ އިން ފެނެއެވެ. އަދި ޖަލްސާއަށްފަހު ދަސްވެނިންނާއި އެކު ރައީސް ޞާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ފޮޓޯ ނަންގަވާފައިވާއިރު ކޮއްކޮމެންނާއި އެކުވެސް ވަނީ ފޮޓޯ ނަންގަވާފައެވެ.

ރޭގަ ޖަލްސާގައި ރައީސް ޞާލިހުގެ ކޮއްކޮ ހިމެނޭހެން ގިނަ އިމާމުން ދަސްވެނިވެފައިވާއިރު، ޖަލްސާގައި އިމާމުންނަށް ހިތްވަރު ދެއްވައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވަނީ އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް ކަމަށާ އެއީ ހަފްތާގެ ހަތް ދުވަހުގެ މަސައްކަތެއް ކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް އެ މަސައްކަތަށް އޯވާޓައިމެއް ޗުއްޓީއެއް ނޯންނަ ކަމަށާ އިމާމުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ ވަރަށް އަވަހަށް އިމާމުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިމާމުންގެ ޗުއްޓީއާ ގުޅޭ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެންނަނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ކޮއްކޮމެން އިމާމު ކަމުގެ ސަނަދު ހާސިލް ކުރެއްވުމުން އެ ބޭފުޅުންގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށްބޮޑު އުފަލެއް. އަދި އޭގެ އިތުރުން މިރޭ ދަސްވެނިވާ ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އެބަ އިޙްސާސް ކުރެވޭ،" ޑިގްރީ ފެންވަރަށް ކިޔަވާ ނިމުނު އިމާމުންގެ ތެރޭގައި ރައީސްގެ ތިން ކޮއްކޮއެއް ހިމެނިވަޑައިގަންނަވާތީ އެކަަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހުގެ ބައްޕާފުޅު އެ ބޭފުޅުން ކުޑައިރު ނިޔާވެފައިވާއިރު، އެ ބޭފުޅުންގެ ޒިންމާ ނަންގަވައި، ބަލަދުވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސް ޞާލިހު ކަމަށް ކޮއްކޮ މޫސަ، ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފަ އެވެ. އެކަން، ރައީސް ޞާލިހުއާއި ތިމާގެ ބޭފުޅެއް ކަމަށްވާ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ކުރެއްްވި ފޭސްބުކް ޕޯސްޓެއްގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް