ހޯމް ސްކޫލިން ތަޢާރަފް ކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި
ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި "ތަޢުލީމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 24/2020) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރަފްކޮށް، ވަކި ޚާއްސަ ހާލަތްތަކުގައި ކުދިންނަށް ގޭގައި ތަޢުލީމު ދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ބިލުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ހުށަހެޅުމުގެ އެއް ބޭނުމަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ކުއްޖާ ދިރިއުޅޭ ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
އެގޮތުން، ތަޢުލީމުގެ ޤާނޫނު ގައި ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރުފުކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުޠުތަކާއި އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޛުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްޞީލުކުރުމަށާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މަޖުބޫރު ތަޢުލީމު ލާޒިމުނޫން ޙާލަތްތައް
ބިލުގައި ހިމަނާފައިވާ ކަމެއްގެ ގޮތުން، ތަޢުލީމުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި މަޖުބޫރު ތަޢުލީމު ލާޒިމުކޮށްފައިވީ ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުންވެސް ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުދިންނެއް ނޫންކަމަށް ބުނެފައިވެއެވެ.
ނަމަވެސް، މިފަދަ ހާލަތްތަކުގައިވެސް ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނަ މިންވަރަކަށް، އެ ކުއްޖާއަށް އުނގަންނައިދިނުމަށް ބެލެނިވެރިން އެކަށީގެންވާ މަސައްކަތްކުރަންޖެހޭނެއެވެ. މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުއްޖެއް ނޫންކަމުގައި ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ މިންގަނޑުތައް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެކަމަށްވެސް ބިލުގައި ވެއެވެ.
ހޯމް ސްކޫލިންގ ޕްރޮގްރާމްގެ ޝަރުޠުތައް
ބިލުގެ ދަށުން، ތަޢުލީމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް 16-1 ވަނަ މާއްދާއެއް އިތުރުކޮށް، ހޯމް ސްކޫލިންގ ޕްރޮގްރާމްގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
އެގޮތުން، މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުގެ ކުއްޖަކަށް ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ އެނޫންވެސް ޚާއްޞަ ޙާލަތެއް މެދުވެރިވެފައިވުމުގެ ސަބަބުން، ސްކޫލަކަށް ހާޒިރުވެގެން މަދުރަސީ ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާނަމަ، ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކުއްޖާ ދިރިއުޅޭ ގޭގައި ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން މަދުރަސީ ތަޢުލީމު ފުރިހަމަކުރެވިދާނެއެވެ.
ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ތަޢުލީމު ފޯރުކޮށްދެވޭނީ، އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާނަމައެވެ:
ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ޚާއްޞަ ޙާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.
ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ކުއްޖާއަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމުގައިވުން.
މަދުރަސީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓަރީވެފައިވުން.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް