ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިންގެ ހިދުމަތައް ފުޅާކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި އައު އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އޮފީސް ހުޅުވައިދެއްވީ، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް) ގެ ޗެއާމަން އަޙުމަދު ޝަފީޢު އާއި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް، އަދި ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަހިވެގެންދާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މި ފިޔަވަޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް މޯލްޑިވިއަންއިން ފާހަގަކުރިއެވެ. އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަތައް އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވެސް މި އޮފީހުގެ ސަބަބުން އެހީތެރިވެދޭނެއެވެ.
މޯލްޑިވިއަންއިން މިވަގުތު ވެސް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރަމުންދެއެވެ. މީގެ ތެރޭގައި ޗެންގްޑޫ، ޝަންހާއި އަދި ބެއިޖިން ހިމެނެއެވެ. މި ސިޓީތަކަށް ދަތުރުކުރުމަށް މޯލްޑިވިއަންއިން ބޭނުންކުރަނީ އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ A330-200 މަރުކާގެ މަތިންދާ ބޯޓެވެ. ޗައިނާގައި މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އެޖެންޓަކަށް ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑްއެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު މާކެޓެކެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޖުމްލަ 327,531 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 19 އިންސައްތައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް