ރ.މަޑުއްވަރީއަށް ބާރުގަދަ ވައިރޯޅިއެއް އަރައި އެކިވަރުގެ ގެއްލުންތައް ލިބިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރ.އަތޮޅު މަޑުއްވަރީއަށް މިއަދު ހެނދުނު އާދަޔާހިލާފަށް ވައިގަދަވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
މިކަމާ ބެހޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން މަޑުއްވަރީ ކައުންސިލުގެ ނައިބުރައީސް އަހުމަދު އަޝްރަފް ވިދާޅުވީ، މިއަދު ހެނދުނު 11:30 ހާއިރު އެރަށަށް އެރި ބާރުގަދަ ވައިރޯޅީގެ ސަބަބުން ގޭގެއަށާއި އެނޫންވެސް ތަންތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.
އެރިމި ވައިގަނޑުގައި އެރަށުގެ ތިން ގެއަކާއި ގުދަނެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ތިން ގެއެއްގެ ފުރާޅުގެ ބައެއް ޓިނުތައް ވަޔާ އެއްލާލިއިރު، މީގެ ތެރެއިން އެންމެބޮޑަށް ގެއްލުން ލިބިފައިވަނީ ގުދަނަށްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަޑުއްވަރީ ފުޓްބޯޅަ ދަނޑުގެ ގޭޓު ވެއްޓުމާއި ބައެއް ގަސްތައްވެސް ވަނީ އިރައިގެންގޮސް ވެއްޓިފައެވެ.

ހާދިސާއަށްފަހު ގެއްލުންވި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ފެށިއިރު، މިއީ މި ފަހުގެ ތާރީހެއްގައި މަޑުއްވަރީއަށް މިވަރުގެ ވައިރޯޅިއެއް އެރި ފުރަތަމަ ފަހަރުކަން އަޝްރަފް ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ހއ.ދިއްދޫއަށް ނަގޫރޯޅިއެއް އަރައި ހަ ގެއެއްގެ ފުރާޅު އެއްލާލިއިރު، މަޑުއްވަރީއަށް މިއަދު އެރީ ދިވެހިން އާއްމުކޮށް ކިޔާއުޅޭ ޒާތުގެ ނަގޫރޯޅިއެއް ނޫންކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް