އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކުރުމަށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމުލަ މުސާރަ 95,125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ނާއިބު ރައީސްގެ މުސާރައަށްވުރެ ކުޑަވުމުން، އެ މުސާރަ ބޮޑުކުރުމަށް ރައީސްގެ އިނާޔަތްތައް ބޮޑުކުރުމަށް ވަނީ ކޮމިޓީން ނިންމާފައެވެ. އެހެންކަމުން، އުއްތަމަ ފަނޑިޔާރަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށް ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކާއި މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އޭނާ ހުށަހެޅުއްވީ، މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ. މި ބަދަލާއެކު، މިހާރު ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ މުސާރައާއެކު ޖުމުލަ 95،125 ރުފިޔާ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެއެވެ.
މި ނިންމުމަށް ކޮމިޓީގެ ތެރެއިން ފާސްވެފައިވާއިރު، މިކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ހުށަހަޅާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް