ރައީސް ޑރ މުޢިއްޒުގެ ދެކަނބަލުން ތުރުކީވިލާތައް ވަޑައިގެންފި!
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ހަވީރު އެ ޤައުމަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުން ތުރުކީވިލާތުގެ އަންކާރާ އެސިންބޯގަ އެއަރޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ މަރުޙަބާ ދަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާއި، ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސް ޑރ މުޢިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 30 ނޮވެމްބަރު 2023ގައި ޔޫއޭއީގެ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް