ޝެއިޚް ސަމީރު/ ފޮޓޯ: ސަލަފް
ޝެއިޚް ސަމީރު/ ފޮޓޯ: ސަލަފް
ހަބަރު 28 May 2023 | 07:56

ކުރީ ވެރިކަންތަކުގެ ސިއްރު ސިޓީތަކުން މިނިވަންކަން ގެއްލުނު ގޮތް ޝެއިޚް ސަމީރު ސާފުކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ވެރިކަން ކުރެއްވި ފަރާތްތަކުން ފޮނުއްވެވި ސިއްރު ސިޓީފުޅުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ގޮތްތަކުގެ ތަފްސީލު ޝެއިޚް އަހުމަދު ސަމީރު ވާހަކަދައްކަވައިފި އެވެ.

ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު ފުށުއަށާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައަޅާފައިވާ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކޮށްފައިވަނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ނޫންކަން ފާހަގަކުރައްވާ ޤާނޫނީ ފަންނުގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވުމާއި ގުޅިގެން ފޯޅަވަހި މައްސަލައާއި ގުޅޭ ބޮޑު ބަހުސެއް ވަނީ ފެށިގެން ގޮސްފައެވެ.

އެންމެ ބޮޑަށް ކުރެވެނީ ފޯޅަވަހި ނުވަތަ ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް ލިބެން ޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީފުޅާއި ގުޅިގެން ކުރެވޭ ބަހުސެވެ.

ސަރުކާރާއި، ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ވިދާޅުވަމުން ދަނީ ރައީސް ޞާލިހުގެ ސިޓީފުޅުގައި އިޓްލޮސްގައި ކުރިއަށް ދިޔަ ސަރަހައްދާއި ގުޅޭ މައްސަލައަށް ކުޑަވެސް އަސަރެއް ކުރާނެ ޒާތުގެ ވާހަކައެއް ނެތްކަމަށެވެ. އަދި ސިޓީ ހާމަ ނުކުރަނީ ޚާރިޖީ ސިޔާސަތު ތަން ނުދޭތީކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ގޯސްކަމަށް ބުނާ ފަރާތްތައް، އޭގެ ތެރޭގައި ކުރީގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ފަރާތްތައް ހިމެނިވަޑައިގަންނަވާހެން ވިދާޅުވަމުން ދަނީ ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ އެމަނިކުފާނަށް ހައިސިއްޔަތު ލިބިގެންވާ ސިޓީފުޅެއް ނޫން ކަމަށެވެ.

ޒަމާނުއްސުރެ ދިވެހިން ދަމަހައްޓަމުން އައި ސްޓޭންޑު ބަދަލުކުރާނަމަ، އެކަން މަޖިލީހަށް ހުށައަޅާ، ބަހުސްކުރެވި ރުހުން ހޯދަން ޖެހޭނެކަމަށެވެ.

އެހެން ނަމަވެސް ސިއްރު ސިޓީއަކުން ސްޓޭންޑު ބަދަލުކުރުމާއި ގުޅިގެން އިޓްލޮސްގައި އޮތް މައްސަލައަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށާއި، ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުގެ އެންމެ ބޮޑު ބާރަކަށް ވީ ފޯޅަވައްސަށް މޮރިޝަސްގެ ސިޔާދަތު އޮންނަން ޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ރައީސް ފޮނުއްވި ސިޓީކަމަށް އެ ފަރާތްތައް ގެންދަވަނީ ވިދާޅުވަމުން ނެވެ.

ސީދާ މި ބަހުސަށް ވަދެވަޑައި ނުގެންނެވި ނަމަވެސް ޖަމީޢަތުއް ސަލަފުގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗުގައި "މިނިވަންކަން" މި މައުލޫގައި ވާހަކަދައްކަވަމުން ޝެއިޚް ސަމީރު ވަނީ މާޒީގައި ވެރިކަން ކުރެއްވި ފަރާތްތަކުން ރައްޔިތުންނަށް ސިއްރުން ފޮނުއްވާފައިވާ ސިޓީފުޅުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ގޮތްތަކަށް އަލިއަޅުވާލައްވާފަ އެވެ.

ޝެއިޚް ސަމީރު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި މިނިވަންކަން ދިފާއުކުރުމަށްޓަކައި ބޭބޭފުޅުން މަތިވެރި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާއިރު، މިނިވަންކަމަށް ބުރޫއަރާގޮތަށް ވެސް ވެރިކަމުގައި އިސްކޮށް ތިބި ފަރާތްތައް ނިންމުންތަކެއް ނިންމާފައިވާކަން ފެންނަން އޮތް ކަމަށެވެ.

"ދުނިޔޭގެ އެހެން ބައެއް ތާރީޚުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ތާރީޚުގައި ފެންނަން އޮތް ހަޤީގަތަކީ ވެރިކަމާއި ބާރު ހޯދުމުގެ ދަހިވެތި ކަމުގައި ޤައުމުގެ އެތެރޭގައި ބޮޑެތިވެގެންވާ ފިތުނައާއި ލޭ އޮހޮރިވުން އުފައްދާ ބޭރުގެ ބާރުތަކުން އެހީތެރިކަން ހޯދާ، އެމީހުންނާއި އޮންނަ ސިއްރު ގުޅުންތަކުގެ ތެރެއިން ދިވެހިން އަޅުވެތިކަމުގެ ތެރެއަށް ގޮސްފައިވާކަން"

ޝެއިޚް ސަމީރު

މަލާބާރީންނަށް އޭރުގެ އުއްތަމަ ފަނޑިޔާރު ސިއްރު ސިޓީ ދެއްވި

މަލާބާރިންނަކީ މީލާދީގޮތުން 18 ވަނަ ޤަރުނު ރާއްޖެއަށް އަތްގަދަ ކުރި ކަންނަންނޫރު ޢަލީ ރާޖާ ފޮނުއްވި ހަނގުރާމަ މަތީ ކަނޑުގެ ލަޝްކަރެކެވެ.

ޝެއިޚުގެ ވާހަކައިގައި ވަނީ މަލާބާރީން ރާއްޖެއަށް އަތްގަދަ ކުރިކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ބައެއް މުހިންމު ތާރީޚީ ހަޤީގަތްތަކަށް އަލިއަޅުވާލައްވާފަ އެވެ.

މަލާމާރީން ރާއްޖެއަރާ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. އެގޮތުން މީލާދީން 1952 ވަނަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ދުވަހު މަލާބާރީން ރާއްޖެއަރާ މާލޭގެ 63 ގޯއްޗާއި، 3 މިސްކިތާއި 3 ގަނޑުވަރު ވަނީ އަންދާ ހުލިކޮށްލާފައެވެ.

އެފަހުން އޭރު ދިވެހި ތަޚުތުގައި އިންނެވި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި ވަހީއަހުދު މުޙައްމަދު މަނިކުފާނު ރަހީނުކޮށް އުތުރުކަރައަށް ގެންގޮސް އެ ދެބާކަލުންނަށް ބޮޑެތި އަނިތާކަތެއް ދީފައިވާކަން ތާރީޚީ ފަތްފުށްތަކުގައި ލިޔެފައި ވެއެވެ.

އެކަން ފާހަގަކުރައްވާ ޝެއިޚް ސަމީރު ވިދާޅުވީ މަލަބާރީން ރާއްޖެ އެރީ އޭރުގެ އުއްތަމަ ފަނޑިޔާރަކަށް އިންނެވި އަލްގާޒީ މުޙައްމަދު ޝަމްސުއްދީނާއި މާލޭ ކަތީބު މަނިކުފާނާއި ދެބޭފުޅުން މަލާބާރީންނަށް ރާއްޖެ ހިފުމަށް ލިޔުއްވާފައިވާ ސިޓީއެއް ހިފައިގެން ކަމަށެވެ.

"އުއްތަމަ ފަނޑިޔާރުގެ ސިޓީ ހިފައިގެން މަލާބީން އައީ ރާއްޖެ ހިފުމަށްޓަކައި. މި ސިއްރު ސިޓީއާއި އެކުގައި ދިވެހިރާއްޖެ އަޅުވެތިކަމުގެ ދަށަށް ގޮސް، އަދި ކޮބައިތޯ މި ސިޓީ އެކޮޅަށް ދިޔާމައި، އެތައް ފަހަރަކު އަދި އާދޭސްކުރި.. ފުރަތަމަ ގޮސްގެނެއް ނޫން އަދި، ކަންކަން ވާ ގޮތް ބެލުމަށްޓަކައި އެމީހުން މީހުން ފޮނުވިވެސް ކަމަށް ވަނީ"

ޝެއިޚް ސަމީރު

ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ދިވެހިރާއްޖެ ހިފުމަށް މަލާބާރުންނަށް ސިޓީ ފޮނުއްވި ބޭފުޅުންގެ ވާގިވެރިކަމުގައި، އެމީހުން ރާއްޖެއަށް އަތް ގަދަކޮށް، ގައްދާރުވި މީހުންނާއި ވެރިކަން ހަވާލުނުކޮށް އެމީހުން މަރާލާފައިވާ (ކަނޑުފައްތާލީ) ކަމަށެވެ.

ވޯރާއިން ރާއްޖެއައީ ރަދުންނާއެކު ވެފައިވާ ސިއްރު އެއްބަސްވުމެއްގެ ތެރެއިން!

ޝެއިޚް ސަމީރުގެ ވާހަކައިގައި ވަނީ މަލާބާރީންގެ އުނގަލުން ސަލާމަތްވުމާއެކު، ދިވެހިންގެ ތެރޭގައި އޮތް ބާރުގަދަ އާއިލާތަކުގެ މެދުގައި ބޮޑުވަމުން އައި ވާދަވެރިކަމުގެ ތެރެއިން ރާއްޖެއަށް ވޯރާ ވިޔަފާރިވެރިން އައިސް، ރާއްޖެ އަޅުވެތިކުރަން ދިމާވި ސަބަބުތައް ވެސް ތާރީޚީ ހާދިސާތަކުގެ އަލީގައި ހާމަކުރައްވާފަ އެވެ.

"އަތިރީގެއާއި ކަކާގެއާއި މިކަހަލަ އެކި ގޭގެ އާއިލާތަކުގެ ތެރޭގައި ހިނގައިދިޔަ ބާރާއި ނުފޫޒުގެ ތެރެއިން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރު ހޯދުމަށްޓަކައި ހިނގައިދިޔަ ހަނގުރާމައިގެ ތެރެއިން. މި އަދާވާތްތެރިކަމުގެ ތެރެއިން އަވައްޓެރި އިންޑިއާގެ ވޯރާ ވިޔަފާރިވެރިން ދިވެހިރާއްޖެއަށް އަންނަމުން ދިޔަ. މި ރާއްޖެއަށް އެބައިމީހުން އައިސްފަވަނީ ރާއްޖެ އައުމުގެ ހުއްދަ ދެވިފައި ވަނީ އޭރު ހުރި ރަސްގެފާނާއި އެކު ވެފައިވާ ސިއްރު އެއްބަސްވުމެއްގެ ތެރެއިން. އެއީ މުޢީނުއްދީން ރަސްގެފާނުގެ ރަސްކަމުގައި"

ޝެއިޚް ސަމީރު

ޝެއިޚް ވިދާޅުވީ ވޯރާ ވިޔަފާރިވެރިން ރާއްޖެއަށް އަތްގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ބޭރަށް އޭރު މުދާ އުފުލަމުންދިޔަ 80 އޮޑިދޯރިފަހަރުގެ ދަތުރުތައް ހުއްޓުވާލާ، ރާއްޖެއަށް މުދާ އެތެރެކުރާ ހަމައެކަނި ބަޔަކީ އިންޑިއާގެ ވޯރާއިންކަމުގައި ހެދިކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ އެތެރޭގައި ދައުރުވާ މުދާ ކޮންޓްރޯލުކުރާ ބަޔަކީވެސް ވޯރާއިންކަމުގައި ހަދާފައި އޮތް ކަމަށެވެ.

ޝެއިޚް ވިދާޅުވީ ވޯރާއިން ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލު ކުރަމުން ދިޔައިރު، އޭރު ވެރިކަމުގައި ތިއްބެވި އިސް ފަރާތްތަކަށް އެމީހުންގެ "ހަނދިޔާ ޑޮލަނގު" ތަކާއި ފައިސާގެ ބޮޑެތި އަދަދުތަކުން އިނާމުތައް ދެމުން ގޮސްފައިވާ ކަމަށެވެ.

އަދި އޭގެ ބަދަލެއްގެ ގޮތުން ވޯރާ ވިޔަފާރިވެރިން ކުރާ ނޭންގާނީ ކަންކަން ހުއްޓުވުމަށް އިސް ފަރާތަކުން އެއްވެސް ކަމެއް ނުކޮށް ލޯ މަރާލައިގެން ތިއްބެވިކަން ތާރީޚީ ފަތްފުށްތަކުގައި ލިޔެވިފައިވާކަމަށް ޝެއިޚް ވިދާޅުވި އެވެ.

އިންޑިއާގެ ވޯރާ ވިޔަފާރިވެރިންގެ އުނދަގުލަކީ އިނގިރޭސީން ރާއްޖެއަށް ވަނުމަށް ލިބިގެންދިޔަ ވަރަށް ފަހި ފުރުސަތަކަށް ވެގެން ގޮސްފައިވާކަން ވެސް ތާރީޚީ ފަތްފުށްތަކުން ފެންނަން އޮތްކަމަށް ޝެއިޚް ވިދާޅުވި އެވެ.

އިނގިރޭސީންގެ ހިމާޔަތަށްދާން ސިއްރު ސިޓީއެއްގައި ސޮއިކުރަން ފޮނުއްވި!

އިނގިރޭސީން ރާއްޖެއަށް އަތްގަދަ ކުރަން މެދުވެރިވި ސަބަބަށް ޝެއިޚުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

ވޯރާ ވިޔަފާރިވެރިންގެ އުނގަދޫ ބޮޑުވެ، އޭރު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، ވޯޔާ ވިޔަފާރިވެރިންގެ ފިހާރަތައްވެސް ހިމެނޭހެން ހުޅު ރޯކުރަމުން ދިއުމާއި ގުޅިގެން އިނގިރާސީން ރާއްޖެ އައީ އެ މައްސަލަތައް ތަހުގީގު ކުރުމުގެ ނަމުގައިކަމަށް ޝެއިޚް ވިދާޅުވި އެވެ.

އިނގިރޭސީން ރާއްޖެއަށް ވަނުމަށްޓަކައި ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ވެސް އެދުނީ ރާއްޖެއަށް އެމީހުން ވަނުމަށްޓަކައި ބޭނުންވާނެ ސިޓީއެއް ދިވެހި ދައުލަތުގެ ފަރާތުން ދިނުމަށްކަން ޝެއިޚް ފާހަގަކުރެއްވި އެވެ.

ރާއްޖެއިން އެ ސިޓީ ދޭން އެއްބަސް ނުވުމުން، އިނގިރޭސީން ޑްރާފްޓުކޮށްފައިވާ ސިޓީއެއް ހިފައިގެން އައިސް އޭރުގެ ރަސްގެފާނުލައްވާ ސޮއިކުރުވަން ނިންމާފައިވާކަން އެނގެން އޮތްކަމަށް ޝެއިޚް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭރު ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް ބަދަލުކުރެވުން އަންނަނީ އަރަބި ބަހުންކަމަށް ވާތީ، އޭރުގެ ބަންޑާރަނައިބު ނައިބު ތުއްތު އަރިހަށް ވަޑައިގެން އިނގިރޭސީންނަށް އެ ސިޓީ ލިޔުއްވާދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެހެން ނަމަވެސް އެމީހުންނަށް އެކަން ކޮށްދިނުމަށް ނައިބު ތުއްތު ދެކޮޅު ހެއްދެވިކަމަށް ޝެއިޚް ވިދާޅުވި އެވެ.

އަދި އެ ދަތުރުގައި ރާއްޖެއަށް އައުމަށް އިނގިރޭސިން ކުރި މަސައްކަތް ނާކާމިޔާބުގެން ގޮސްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އެހެން ނަމަވެސް އެފަހުން 1887 ވަނަ އަހަރު އަނެއްކާވެސް އިނގިރޭސިން ރާއްޖެ އައިސްފައިވާކަމަށާއި، އޭރު ރާއްޖޭގެ ވެރިކަމުގެ އެތެރެކޮއިލު އޮތީ ވަރަށް ބޮޑަށް ގަޑުވަޑުކޮށްފައިކަމަށް ޝެއިޚް ވިދާޅުވި އެވެ. އަދި އިނގިރޭސިބަހުން ޑްރާފްޓުކޮށްގެން އައި ސިޓީއެއްގައި، އޭގައި ލިޔެފައި އޮތް ނެތް އެއްޗެއް ނޭނގުނު ނަމަވެސް ސޮއިކުރުމަށް ރަދުންނަށް އަންގާ އެކަން ކޮށްފައިވާކަމަށް ޝެއިޚް ވިދާޅުވި އެވެ.

ޝެއިޚް ވިދާޅުވީ އެ ސިޓީގައި ސޮއި ކުރެއްވުމަށް ނައިބު ތުއްތު އެފަހަރުވެސް އިންކާރުކުރައްވަމުން ގެންދެވި ކަމަށާއި، އަދި ކާފަރުންގެ އަތްދަށަށް ދިއުމަށްވުރެ ކާފަރުންނާއި ހަނގުރާމަކޮށް ޝަހީދުވާންވެސް މާ ހެޔޮކަން ބޮޑުކަމަށް ނައިބު ތުއްތު ވިދާޅުވަމުން ގެންދެވިކަމަށް ޝެއިޚް ސަމީރު ވިދާޅުވި އެވެ.

"ނައިބު ތުއްތު ވިދާޅުވިކަމަށް ވަނީ، ކާފަރުން ދޭ ލިޔުމެއްގައި ސޮއިކޮށް އެމީހުންގެ އަތްދަށަށް ދިއުމަށްވުރެ ކާފަރުންނާއި ހަނގުރާމަކޮށް ޝަހީދުވުން ވެސް މާ ހެޔޮކަން ބޮޑުވާނެއޭ. އެއަށްފަހު ރަސްގެފާނު އެ ސިޓީފުޅުގައި ސޮއިކުރައްވާ ތަނުގައި ވެސް ހުންނަން ބޭނުންފުޅު ނުވެ ރަސްކަމުގެ ކޮއިލު ދޫކުރައްވާ، މަޖިލީސް ދޫކުރައްވާ ވަޑައިގެންނެވީ އެތަނުގައި ހުރުންވެސް އެއީ ޚިޔާނާތެއްކަމުގައި ދެކިވަޑައިގެން އަދި ރައިވަރު ހައްދަވާ ބޭފުޅެއްކަމަށް ވާތީ މި ބޭފުޅާގެ "ދަގަނޑު ދަހަނާ" ފޮތުގައި މިކަމަށް ކުރެއްވި އިންކާރުގެ ވާހަކަ ޒިކުރުކުރައްވާފައި އޮތް"

ޝެއިޚް ސަމީރު

އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދޭން ފާމުދޭރިކިލެގެފާނު ސިއްރު އެއްބަސްވުމެއް ހެދި!


އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދޭން ފާމުދޭރިކިލެގެފާނު ސިއްރު އެއްބަސްވުމެއް ހެދި!ވެރިކަން ކުރެއްވި ފަރާތްތައް ބާރުތައް ދެމެހެއްޓުމަށް މިނިވަންކަމަށް ބުރޫއަރާގޮތަށް ކޮށްފައިވާ ބައެއް މިލާސުތައް ހިއްސާކުރައްވަމުން ޝެއިޚް ސަމީރުގެ ވާހަކަފުޅުގައި ވަނީ 1956 ވަނަ އަހަރު އައްޑު އަތޮޅު ގަން 100 އަހަރަށް ކުއްޔަށް ދޫކުރުމަށް އިބްރާހިމް ފާމުދޭރީކިލެގެފާނު ހައްދަވާފައިވާ ސިއްރު އެއްބަސްވުމަށް އަލިއަޅުވާލައްވާފަ އެވެ.

ޝެއިޚް ވިދާޅުވީ އައްޑު އަތޮޅު ގަން އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށް ދޭން އޭރުގެ ރަދުން ސިއްރި އެއްބަސްވުމެއް ހައްދަވާ ސޮއިކުރެއްވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކަމަށެވެ. އަދި އެ އެއްބަސްވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އާންމު ރައްޔިތަކަށް ނޭނގޭކަމަށާއި، އެ އެއްބަސްވުން ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ސިއްރުން ކަމަށެވެ.

"1956 ގައި ޑިސެމްބަރު މަހުގައި އައްޑޫ ގަން 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދޭން އޭރުގެ ހުރި ރަދުން (އިބްރާހިމް ފާމުދޭރިކިލެގެފާނު) އަނެއްކާވެސް އެއްޗެއްގަ ސޮއިކޮށްފި. އޭނާ ހުރީ ބޭރުގައި 100 އަހަރަށް އައްޑު އަތޮޅު ގަން ދޭން ސޮއިކުރިކަން އެނގެނީ، އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ވާނުވާއެއް ދިވެހިންނަކަށް ނޭނގޭ، މާލޭގެ ތެރޭގައި އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެކަމާއި ދެކޮޅަށް ބަހުސްކުރެވި، ވަރަށް ހޫނުކޮށް އެއްކޮޅު އަނެއްކޮޅަށް ރައްދުދެވި ވަރަށް ބައިވަރު ފިތުނަތަކެއް ރާއްޖެތެރޭ ހިނގަމުން ދިޔައީ"

ޝެއިޚް ސަމީރު

ޝެއިޚް ސަމީރު ވިދާޅުވީ އިނގިރޭސީންނަށް އައްޑޫ ގަން 100 އަހަރަށް ކުއްޔަށް ދޫކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ އިބްރާހިމް ނާސިރު ކަމަށެވެ.

އަދި އެކަމާއި ދެކޮޅަށް ކުރެއްވި ވަރުގަދަ މަސައްކަތްޕުޅުތަކުގެ ސަބަބުން އިބްރާހިމް ފާމުދޭރިކިލެގެފާނަށް އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ކަމަށާއި، ބޮޑުވަޒީރުކަމާއި އިބްރާހިމް ނަޝީރު ހަވާލުވެވަޑައިގެންކަން ޝެއިޚް ފާހަގަކުރެއްވި އެވެ.

ހަޤީގީ މިނިވަންކަން ހޯދާދެއްވާ ދިވެހިރާއްޖޭ އިނގިރޭސީންގެ އަތްދަށުން މިނިވަންވެގެން ދިޔައީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދަށުންކަމަށް ޝެއިޚް ވިދާޅުވި އެވެ.

އަދި ގަން 100 އަހަރަށް ކުއްޔަށް ދޫކުރުމަށް ހެދި އެ އެއްބަސްވުން ޤަބޫލުނުކުރުމަށް އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފައިވާކަން ޝެއިޚް ފާހަގަކުރެއްވި އެވެ.

މިހާރުވެސް ގަން ދިވެހިންގެ ތަނެއްގެ ގޮތުގައި އޮތީ އެފަދައިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުންކަމަށް ޝެއިޚް ވިދާޅުވި އެވެ.

ތާރީޚުގައި ހިނގާފައިވާ މިފަދަ ކަންކަމާއި ގުޅޭ މައުލޫމާތު ގިނަ ބަޔަކަށް ނޭނގޭ ކަމަށާއި، އެ ހާދިޘާތައް ހަނދާން އާކޮށްލުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ޝެއިޚް ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވާ ޝެއިޚް ވިދާޅުވީ ދިވެހިރާއްޖެއަކީ މީސްކޮޅު މަދުކަމުގައި ވީ ނަމަވެސް ހައިބަތު ބޮޑު ގައުމެއްކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް އެތެރެއިން މަސައްކަތް ކުރި ނަމަވެސް މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު މިނިވަންކަން ހޯދުމަށް ދިވެހިން ކޮށްފައިވާ މަސައްކަތަކީ ތާރީޚުގައި ރަން އަކުރުން ފަވާލެވިފައިވާ މަސައްކަތްތަކެއްކަން ޝެއިޚް ފާހަގަކުރެއްވި އެވެ.

އަދި މުސްތަގުބަލުގައިވެސް މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ބޭއްވުމަށް މަސައްކަތްކުރާނެ އެތައް ދަރީންނެއް ތިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ޝެއިޚް ވިދާޅުވި އެވެ. އެއާއެކު ޝެއިޚްގެ ވާހަކަ ކުރުކޮށްލައްވާފައިވަނީ މި ފަސްގަނޑު ތާއަބަދަށް މިނިވަންތަކެއްގެ ގޮތުގައި ލެއްވުމަށް އެދި ދުޢާކުރައްވަމުން ނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ
14 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރަސްމާލެ މަޝްރޫއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ސަލަފުން ދިރާސާއެއް
28 Sep 2026 ހަބަރު

ރަސްމާލެ މަޝްރޫއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ސަލަފުން ދިރާސާއެއް

ސަރުކާރުން ރަަސްމާލޭގައި ހިންގުމަށް އިއުލާނުކޮށްފައިވާ “މޯލްޑިވްސް ވޯޓާ ފްރޮންޓު އެންޑް މެރީނާ” މަޝްރޫއުއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ޖަމިއްޔަތުއްސަލަފުން އެކަމާއި ގުޅޭ ހާއްސަ ދިރާސާއެ...