މިއަހަރުގެ ނިޔަލަށް ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ: ޒަރީރު
މިހިގާ 2026 ވަނަ އަހަރު ދަރަނި ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނޭކަމަށް ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ޒަރީރު ވިދާޅުވީ، މި ހިނގާ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައިވެސް، ދައުލަތުގެ ބަޖެޓުން ރެކޯޑް ޢަދަދަކަށް ހޭދަކުރި ތާރީޚީ އަހަރެއް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ވަގުތު އައިސް ޖެހުނުއިރު، މި ސަރުކާރު އޮތީ އެކަމަށް ހުށިޔާރުވެ، ވާންޖެހޭ ފުރިހަމަ ތައްޔާރީތައް ވެގެންކަމަށެވެ. އެގޮތުން ދަރަނިތައް އަދާކޮށްފައިވަނީ، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދައުލަތުން މިކަމަށް އިތުރު ދަރަންޏެއް ނެގުމެއް ނެތިކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަހަރުގެ ނިޔަލަށް ޖުމުލަ 11.7 ބިލިއަން ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ. މި ދަރަނިތައް ދައްކައި ޚަލާސްކުރުމުން، މި އަންނަ އަހަރު ސަރުކާރުން ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭ މިންވަރުވަނީ ދަށްކުރެވިފައި. މިގޮތުން، 2027 ވަނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 4.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެވޭ. މިއީ، މުސްތަޤުބަލުގެ ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރުމަށް ސަރުކާރުން އެޅި މުޙިއްމު ފިޔަވަޅެއް
ރާއްޖޭގެ ތާރީހުގައި އެންމެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނައިން ދަރަނި ދެއްކި އަހަރުގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކޔރާއިރު، ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
މާލީ ވަޒީރު ޒަރީރު ބަޖެޓް ހުށަހަޅުއްވަމުން ވަނީ ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ޤާއިމުކޮށް އަދި ރޭޓިންގް އޭޖެންސީތަކުން ރާއްޖެއަށް ދީފައިވާ ރޭޓިންގ މަތިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއީ މާލީ ގޮތުން މި ޤައުމު ހޯދި މުޙިއްމު ކާމިޔާބެއްކަމަށް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް (1)
މިއަހަރު ނެގުނު ދަރަނީގެ ޖުމްލައަކީ ކޮބައިތޯ ؟ !!!!!!