ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް / ދޫޑިގަން. އާސިމީމަންޒިލް، އަޙްމަދު އަފާފު ޢާރިފް (32އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން. ލާލުގެ، އަޙްމަދު ވިޝާން (37އ) އެވެ.
ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް