ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ކިޔެވުމާއި އުނގެނުމަށް އެހީތެރިވެދޭ 97 ގޭމް ހިމެނޭ "ސިލަބައި ގޭމްސް" ޕްލެޓްފޯމް ދިވެހިރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސިލަބައި އިން ތަޢާރަފުކޮށްފިއެވެ. މި ގޭމްތައް އޮކްޓޫބަރު 26 އިން ފެށިގެން syllabi.mv/games މެދުވެރިކޮށް މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
ކޮންމެ ގޭމެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގެ ފޮތްތަކުން އުފައްދާފައިވާ ސުވާލުތަކުގެ މައްޗަށެވެ. ދަރިވަރުން އެކުދިންގެ ގްރޭޑާއި މާއްދާތައް ޚިޔާރުކުރުމުން، ކޮންމެ ގޭމަކުންވެސް ނަގާނީ އެ މާއްދާތަކާ ގުޅޭ ސުވާލުތަކެވެ. ދަރިވަރުން ގޭމް ކުޅޭއިރު އެކި ފޮތްތަކުން އުފައްދާފައިވާ ސުވާލުތަައް ހަދަން ޖެހެއެވެ. މީގެއިތުރުން ކޮންމެ ސުވާލެއްގެ ތިރީގައި އެއީ ކޮން މާއްދާއެއްގެ، ކޮން ގްރޭޑެއްގެ އަދި ފޮތުގެ ކޮން ޞަފުޙާއެއްގައިވާ ސުވާލެއްކަން ބަޔާންކޮށްފައި ހުރެެއެވެ. މި ސުވާލު ބޭންކުގައި ދިވެހި، އިނގިރޭސި، ހިސާބު، ސައިންސް، އިސްލާމް، ޤުރުއާން، ސޯޝަލް ސްޓަޑީޒް، ބިޒްނަސް އަދި އިކޮނޮމިކްސް ފަދަ ގިނަ މާއްދާތަކެއް ހިމެނެއެވެ.
ދިވެހިވަންތަ މާޙައުލާއި ތާރީޚީ ކަންކަން
މި ޕްލެޓްފޯމުގައި ހިމެނޭ ގިނަ ގޭމްތައް ބިނާކޮށްފައިވަނީ ދިވެހި މާޙައުލާއި ދިވެހިވަންތަ ދިރިއުޅުމާ ގުޅުވައިގެންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަތޮޅަކުން ރަށެއް ކުއްޔަށް ނަގައިގެން ރިސޯޓެއް ތަރައްޤީކުރާ "ރިސޯޓް ބޮސް"، ރަށު ފިހާރައިގެ ކައުންޓަރު ބަލަހައްޓާ "ބޮޑު ފިހާރަ"، މަސް ކިރައި ހިސާބު ހަދަންޖެހޭ "މަސްމާރުކޭޓު"، ސައިހޮޓާ ހިންގާ ގޭމް، ކުއްލި ޙާލަތްތައް ބަލަހައްޓާ "ރެސްކިއު ޑިސްޕެޗް" އަދި ކަނޑު ދަތުރުފަތުރުގެ ޝެޑިއުލްތައް ކަނޑައަޅާ "ފެރީ ލިންކް" ފަދަ ގޭމްތައް ހިމެނެއެވެ. މީގެ އިތުރުން ދިވެހި ތާރީޚާ ގުޅުވައިގެން އުފައްދާފައިވާ "އުތުރު އުތުރު" އަދި "3 ނޮވެމްބަރު 1988" ގެ އިތުރުން ރަދީފުގެ އެހީގައި ކުޅޭ ދިވެހި ކްރޮސްވޯޑާއި ބަސް ހޯދުން ފަދަ ދިވެހި ބަހަށް ޚާއްޞަ ގޭމްތައްވެސް ހިމެނެއެވެ. ހަގު އުމުރުގެ ކުދިންނަށް އަކުރު ދަސްކޮށްދޭ ގޭމްތަކާއި، ދޮށީ އުމުރުގެ ދަރިވަރުންނާއި ޓީޗަރުންނަށް ކޮންމެ ދުވަހަކު އާވާ ޕަޒަލްތައްވެސް ލިބެން ހުރެއެވެ.
ދަރިވަރުން ޝައުޤުވެރިކުރުވުމުގެ ގޮތުން ހަފުތާގެ، މަހުގެ އަދި ޤައުމީ ފެންވަރުގެ ލީޑަރބޯޑުތަކާއި ހޯދޭ 58 ބެޖެއް ހިމަނާފައިވާއިރު، ބެލެނިވެރިންނަށް ދަރިވަރުގެ ކުރިއެރުމާއި ހޭދަކުރާ ވަގުތު ބަލައިލެވޭ ޚާއްޞަ ޑޭޝްބޯޑެއްވެސް ލިބެއެވެ. މި ޕްލެޓްފޯމުގައި އެއްވެސް އިޝްތިހާރެއް ނުހިމެނޭއިރު، ކުޅުންތެރިންގެ މެދުގައި ޗެޓްކުރުމުގެ ފުރުޞަތެއްވެސް ނޯވެއެވެ.
ސިލަބައި ޓީމުން މައުލޫމާތު ދެއްވި ގޮތުގައި ކުދިން މިހާރުވެސް ގޭމް ކުޅުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށާއި، މަޤްޞަދަކީ އެ ވަގުތަކީ ބޭނުންތެރި ވަގުތަކަށް ހެދުން ކަމަށެވެ.
"ސިލަބައި ގޭމްސްގެ ކޮންމެ ގޭމެއްގައިވެސް ސުވާލުތައް ކުރެވެނީ އެ ކުއްޖެއްގެ އަމިއްލަ ސިލަބަހުން. ކުއްޖާ ކިޔަވާ ފޮތްތަކުން، އެހެންކަމުން ގޭމް ކުޅުމާއި ފިލާވަޅު މުރާޖަޢާކުރުން މި ވަނީ އެއްކަމަކަށް،
ސިލަބައި ގޭމްސް މިހާރު ކޮންމެ ފޯނެއް، ޓެބްލެޓެއް ނުވަތަ ކޮމްޕިއުޓަރެއްގެ ވެބް ބްރައުޒަރުން syllabi.mv/games މެދުވެރިކޮށް ކުޅެވޭއިރު، އެންޑްރޮއިޑް އަދި އައި.އޯ.އެސް އެޕްލިކޭޝަންތައް ވަރަށް އަވަހަށް ނެރޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް