މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް
ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މައުމޫން ފައުންޑޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން،ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕެއް ދީފި އެވެ.
މި ސްކޮލަރޝިޕް ދީފައިވަނީ މުޙައްމަދު ޝާން އަޙްމަދަށެވެ. މި ސްކޮލަރޝިޕް ހަވާލުކޮށްފައިވަނީ އިއްޔެ އިސްލާމީ ޔުނިވަރސިތީގައި ބޭއްވި ޙަފްލާއެއްގަ އެވެ. ސްކޮލަރޝިޕް ޙަވާލުކުރެއްވީ ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫނެވެ. މިސްކޮލަރޝިޕްގެ ދަށުން މުޙައްމަދު ޝާން އަޙްމަދު ފުރިހަމަކުރާނީ އެ ޔުނިވަރސިޓީގެ "މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕްއެންޑް އެޑްމިނިސްޓްރޭޝަން" ކޯހެވެ.

މި ސްކޮލަރޝިޕަކީ 20 ޖުލައި 2026 ގައި މައުމޫން ފައުންޑޭޝަނާއި އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ކުރި އިޢުލާނާ ގުޅިގެން ހުޅުވާލި ފުރުޞަތެކެވެ. މި ފުރުޞަތަށް ހުޅުވާލީ އެ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށެވެ. އަދި ސްކޮލަރޝިޕަށް ދަރިވަރު ހޮވުމުގެ ހުރިހާ މަރުޙަލާތައް ކުރިއަށްގެންގޮސްފައި ވަނީ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކުގަ އެވެ.
މި ސްކޮލަރޝިޕަކީ ކޯހުގެ ޓިއުޝަން ފީއާއި، ފޮތްތަކަށް ހިނގާ ޚަރަދާއި، އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސްގެއިތުރުން މަހުން މަހަށް ދެވޭ ސްޓައިޕެންޑު ހިމެނޭހެން، ހުރިހާ ޚަރަދެއްފަ އުންޑޭޝަނުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.
މިއީ މައުމޫން ފައުންޑޭޝަނުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ހިންގަމުންދާ މަތީ ތަޢުލީމު ސްކޮލަރޝިޕް ސްކީމްގެ ދަށުން ދެވުނު ދެވަނަ ސްކޮލަރޝިޕެވެ. މި ޕްރޮގްރާމަކީ 28 އޮކްޓޫބަރު 2025 ގައި އިސްލާމީ ޔުނިވަރސިޓީގައި ރަސްމީކޮށް އިފްތިތާޙް ކުރެވުނު ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން ދެވުނު ފުރަތަމަ ސްކޮލަރޝިޕް 13 ނޮވެމްބަރު 2025 ގައި ޙަވާލުކޮށްފައިވަނީ "މާސްޓަރސް އޮފް އާޓްސް އިން ޤުރުއާނިކްސްޓަޑީޒް" ކޯހުގައި ކިޔަވަމުންދިޔަ ދަރިވަރަކަށެވެ.

ސްކޮލަރޝިޕް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މައުމޫން ފައުންޑޭޝަނުގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ފަދަ ޢާންމުންގެ އިތުބާރު ލިބިފައިވާ މުހިންމު މުއައްސަސާއަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ފައުންޑޭޝަނަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.
އަދި މި ސްކޮލަރޝިޕް ކާމިޔާބުކުރި ދަރިވަރު މުޙައްމަދު ޝާން އަޙްމަދަށް މަރުޙަބާ ދަންނަވައި، އޭނާގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ.

މީގެއިތުރުން، ފައުންޑޭޝަނާއި ޔުނިވަރސިޓީގެ ގުޅުން އިތުރަށް ބަދަހިވެ ފުޅާވުމަށް އެދިވަޑައިގަންނަވަމުން، ފައުންޑޭޝަނުން މިހާރުވެސް ޤައުމީ ފެންވަރުގައި ފެށުމަށް ރާވާފައިވާ މުހިންމު ދެ މަޝްރޫޢެއްގެ މަޢުލޫމާތު ޙިއްޞާކުރެއްވި އެވެ. އެއީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫޢާއި، ޕްރެޒިޑެންޝަލް ލައިބްރަރީއެއް ޤާއިމުކުރުމުގެ މަސައްކަތެވެ.
މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި، ސްކޮލަރޝިޕަށް ކުއްޖަކު ހޮވުމުގެ މަރުޙަލާ ޔުނިވަރސިޓީން ކުރިއަށްގެންދިޔައީ ފުރިހަމަ މިނިވަންކަމާއި އިންޞާފުވެރިކަމާ އެކުގައިކަން ފާހަގަކުރެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް