މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 11 ވަނަ އެޕިސޯޑްގައި ބައިވެރިވި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކު ހިއްސާކުރި ކަންބޮޑުވުންތަކަކާއި ގުޅިގެންނެވެ. ފުރޮޅުލީ ގޮޑީގައި އިން އެ ޒުވާނާ ވަނީ ވަޒީފާއެއް ހޯދުމަށް ކުރަން ޖެހުނު ދަތި އުނދަގޫ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.

މަންމައާއެކު ރައީސްގެ އަރިހަށް އައިސް އެ ޒުވާނާ ވަނީ އެކި ކުންފުނިތަކަށް ވަޒީފާއަށް އެދި ސިޓީ ލީކަން ހާމަކޮށްފަ އެވެ. އެއް ކުންފުންޏަކުން އިންޓަވިއުއަށް ގެންދިޔަ ނަމަވެސް ފަހުން އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އާސަންދަ ކުންފުނިން ކޮށްފައިވާ ވަޒީފާއަކަށް ކުރިމަތިލީ ކަމަށާ އެއީ އޭނާގެ ތައުލީމީ ޝަރުތުތައް ފުރިހަމަ އަދި އިތުރުވެސް ވަޒީފާއެއް ނަމަވެސް އެންމެ ކުޑަމިނުން އިންޓަވިއުއަށްވެސް ނުކިޔާ ކަމުގައި އެ ޒުވާނާ ވަނީ ބުނެފަ އެވެ.
ރައީސް ވަނީ އެއީ ގަބޫލުކުރެވޭނެ ކަންކަން ނޫން ކަމުގައި ވިދާޅުވެފަ އެވެ. އަދި އެކަންކަން ބައްލަވާ ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދޭން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އަދި އެފަދަ މީހުންނަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް