ރ. އިނގުރައިދޫ "ރަސްވިލި" ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ރ. އިނގުރައިދޫގައި ކުރިއަށްދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުގެ ތެރެއިން، އެ ރަށުގެ ހިތްގައިމު ސަރަޙައްދެއް ކަމަށްވާ "ރަސްވިލި" ގޮނޑުދޮށް ސާފުކުރުމުގެ ޚާއްޞަ ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
"ވޮއިސް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އިނގުރައިދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީގެ އިތުރުން ރެދަން ސްޕޯޓްސް އެކަޑަމީގެ ދަރިވަރުންނާއި ތަމްރީނު ޕްރޮގުރާމުގެ ފެސިލިޓޭޓަރުން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައެވެ.

މި ސާފުކުރުމުގެ ޕްރޮގުރާމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކުރުމުގެ އިތުރުން، ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގުރާމުން ދަސްވި އެކި ހުނަރުތައް ޢަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. އެގޮތުން ހަރަކާތް ކުރިއަށްދިޔަ ވަގުތު ދަރިވަރުން ވަނީ ޚަބަރު ލިޔުމާއި، ވީޑިއޯ ނެގުމާއި، ކަމާގުޅުންހުރި ފަރާތްތަކާ އިންޓަވިއު ކުރުމުގެ އިތުރުން، ތަފާތު އެކި އޭންގަލްތަކުން މަޢުލޫމާތު ހޯދައި ދިރާސާކުރުމުގެ އަމަލީ ތަޖުރިބާ ހޯދާފައެވެ.

މި ހަރަކާތުގެ ތެރެއިން ރަސްވިލި ގޮނޑުދޮށަށް އެއްވެފައި ހުރި ގިނަ އަދަދެއްގެ ކުނި ވަނީ އެއްކޮށް، ބާވަތްތަކަށް ވަކިކޮށްފައެވެ. އަދި ކުނި މެނޭޖުކުރުމާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ފެސިލިޓޭޓަރުންގެ ފަރާތުން ދަރިވަރުންނަށާއި ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

މިފަދަ ބޭނުންތެރި ހަރަކާތެއް ރާވައި އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި، ޕްރޮގުރާމުގެ އިންތިޒާމުކުރި ފަރާތުން ވަނީ އިނގުރައިދޫ ކައުންސިލަށާއި އ.ތ.މ ކޮމެޓީއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި ހަރަކާތުގައި ފުރިހަމަ އެއްބާރުލުމެއް ދެއްވި ރެދަން ސްޕޯޓްސް އެކަޑަމީގެ އިސްވެރިންނަށާއި ދަރިވަރުންނަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް