ޕަރީގައި ޤުރުއާންގެ އާޔަތެއް ނުބައިކޮށް: ބިއުރޯއަށް ރޭކާލީ އަދި، ސީޒަން މާފަށް އެދިއްޖެ
މި އަހަރުގެ ޖަނަވަރީ މަހުގެ ހަތްވަނަ ދުވަހު ޕްރީމިއާކުރި ދިވެހި ފިލްމު "ޕަރީ ޗެޕްޓަރ 1" ގެ މަންޒަރެއްގައި، ކީރިތި ޤުރްއާނުގެ އާޔަތެއް ޞައްޙަ ނޫން ގޮތަކަށް ގެނެސްދީފައިވާ މައްސަލަ ސަމާލުކަމަށް އައުމުން އެކަން ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ބުނެފި އެވެ.
އެކަން ސަމާލުކަމަށް އައީ ދީނީ އިލްމުވެރިޔާ އައްޝައިޚް ޒަމްޒަމް ފާރިސް އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.
އެތައް ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުން މިރޭ ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން އެ ބިއުރޯއިން މިހާރު ވަނީ، އެ މަންޒަރު އަލުން ޑަބްކޮށް އިސްލާޙު ކުރުމަށާއި، އަދި ޑަބްކޮށް އިސްލާޙު ކުރެވެންދެން އެއްވެސް މަންސައެއްގައި މި ފިލްމު ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ފިލްމު އުފެއްދި ފަރާތަށް އަންގާފައި ކަމަށެވެ.
އަދި މީގެ އިތުރުންވެސް މީސް މީޑިއާ ނުވަތަ އެހެން ގޮތަކުންވެސް މި ފިލްމުގެ ފާހަގަކުރެވުނު މަންޒަރު ދައުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފިލްމު ކްލެސިފައި ކުރުމުގެ މަރުޙަލާގައި މިކަން ފާހަގަކުރެވިފައި ނުވާތީ، އެ ބިއުރޯއިން މަޢާފަށް އެދޭ ކަަމަށްވެސް ބުންޏެވެ. އަދި މިފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ހަރުދަނާކަމާއެކު އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ފިލްމު ކްލެސިފައި ކުރުމުގައި ދިމާވި މިމައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއްް ނުބުނެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މި ބަޔާން ނެރުމުގެ ކުރީން ކަން ވީ ގޮތް ސާފުކޮށްދީ ސީޒަން ވަނީ ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ. އަދި އެކަމަށް މާފަށް ވެސް އެދިފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް