ޕޮލިސީ އެމްވީ އާއި ބީއެމްއެލް ގުޅިގެން "ދިވެހި ޤައުމީ ވަންތުގެ ދިރާސާ" ޕްރޮޖެކްޓް އިފްތިތާހުކޮށްފި
ޕޮލިސީއެމްވީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހިރާއްޖޭގެ އަދި ދިވެހީންގެ ޤައުމީ ވަންތު (މޯލްޑިވިއަން އައިޑެންޓިޓީ) ދިރާސާކުރުމުގެ ޤައުމީ ޕްރޮޖެކްޓެއް މިއަދު އިފްތިތާޙުކޮށްފި އެވެ.
މި ޕްރޮޖެކްޓް އިފްތިތާޙުކުރުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ. މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ އަދި ދިވެހީންގެ ޤައުމީ އައިޑެންޓިޓީ ނުވަތަ ޤައުމީ ވަންތުގެ ގޮތުގައި ޤަބޫލުކުރެވޭ ބަހާތަކާއި އުންސުރުތައް ދެނެގަނެ، އިލްމީ ގޮތުން ދިރާސާކޮށް ފުރޭފުކުރުމަށް (ޑޮކިއުމަންޓް ކުރުމަށް) ރާއްޖޭގައި ކުރެވޭ މިފަދަ ފުރަތަމަ ދިރާސާ އެވެ.

ތަރައްޤީގެ ދުވެލި އަވަސްވެ، ޒަމާނީ ތަޢުލީމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކު، ދިވެހިވަންތަ އާދަކާދަތަކާއި ސަގާފަތް ޖީލުތަކަށް ވާރުތަވުމުގައި ހުރި ގޮންޖެހުންތަކަށް ބަލާއިރު، ދިވެހީންގެ ޤައުމީ ވަންތަކީ ކޮބައިކަން ޔަޤީންކަމާއެކު އެނގެން އޮތުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހި އާބާދީގެ ތަފާތު ގިންތީގެ ޚިޔާލު ހޯދައި،ދިވެހި ޤައުމީ ވަންތުގެ އުންސުރުތައް ދެނެގަނެ ދިރާސާކޮށް، މި ދިރާސާތައް އާންމުކުރުމާއެކު ޝާއިއުކުރުން ކަމުގައި ޕޮލިސީއެމްވީން ބުނެ އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހީނާ ވަނީ ދިވެހިންގެގައުމިއްޔަތު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަމަށް އަލިއަޅުއްވާލައްވައި ދިވެހި ޤައުމީ ވަންތުގެ ދިރާސާއެއް ކުރުމަށް އިސްނެންގެވިކަމުގެ އަގުވަޒަން ކުރައްވާފަ އެވެ.

މި ޕްރޮޖެކްޓްގެ ޕާޓްނަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެބޭންކްގެ ސީއީއޯ މުޙައްމަދު ޝަރީފް ވެސް މި ޖަލްސާގައި ވާހަކަ ދެއްކެވި އެވެ. އަދި، ޝަރީފްގެ ވާހަކަގައި، ދިވެހި ބަހާއި ތާރީޚާއި ސަގާފަތް ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރާ ކޮންމެ މަސައްކަތެއްގެ އެންމެ ކުރީ ސަފުގައި ބޭންކް އޮފް މޯލްޑިވްސް އޮންނާނެ ކަމުގައި ވިދާޅުވި އެވެ.
މި ޖަލްސާގައި ޕޮލިސީއެމްވީގެ ފައުންޑަރ އަދި މެނޭޖިންގ ޕާޓްނަރ އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ އާއި ދިވެހިންނާ ގުޅުންހުރި ކަންކަން ކުރިއެރުމަށް މަސައްކަތްކުރުމަކީ ޕޮލިސީއެމްވީގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށާއި، އަދި މިފަދަ މަސައްކަތްތަކުގައި ތިން ޖީލުގެ ޚިޔާލުތަކާއި ރާއްޖޭގެ އުތުރުން ދެކުނަށް އަދި މިންތީގެ ޚިޔާލުގެ ތަފާތުތައްދެނެގަތުމަށް ސަމާލުކަން ދޭނޭ ކަމުގައި ވިދާޅުވި އެވެ.

މި ޖަލްސާގައި، މި ޕްރޮޖެކްޓް ކުރިޔަށް ދާނޭގޮތުގެ މަޢުލޫމާތާއި ބޭނުންކުރާނޭތަރީގާ ސާފުކޮށްދީ، ޕްރޮޖެކްޓުން އުންމީދުކުރެވޭ ނަތީޖާގެ މަޢުލޫމާތު ދިނީޕްރޮޖެކްޓްގެ ރިސަރޗް ޓީމްގެ ފަރާތުންނެވެ.މި ދިރާސާގެ ފުރަތަމަ ނުވަތަ ޕައިލެޓު ފިޔަވަހީގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ލިޔެކިޔުމުގެ ދިރާސާ (ލިޓެރެޗާ ރިވިއު) ހެދުމާއި، ކަމާގުޅޭ ތަޖުރިބާކާރުންނާއި އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތެވެ. އަދި މި ދިރާސާއިން ލިބޭ މަޢުލޫމާތުގެ އަލީގައި ދިވެހި ޤައުމީ ޙަޔާތަށް އަގުހުރި ޚިދުމަތެއް ލިބި، ޒަމާންތަކަށް ދެމިހުންނާނެ ފަދަ ތާރީޚީ ލިޔެކިޔުންތަކެއް އެކުލަވާލެވިގެންދާނެ އެވެ.

ޕޮލިސީއެމްވީ އަކީ ދިވެހިރާއްޖޭގައި ޢިލްމީ ދިރާސާތައް ކުރުމަށާއި، ތަފާތު ދާއިރާތަކުން ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދީ، ޢިލްމީ ލިޔުންތައް ލިޔެ އާންމުކުރުމުގެ މަޤްޞަދުގައި 2024 ވަނަ އަހަރު އުފައްދައި ހަރަކާތްތެރިވަމުން އަންނަ ތިންކް ޓޭންކެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް