އަންނަ އަހަރު ނިމޭއިރު ރިޒާވްގައި 907.2 މިލިއަން ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ: މާލީ ވަޒީރު
އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 907.2 މިލިއަން އެމެރިކާ ޑޮލަރު ހުންނާނޭކަމަށް އަންދާޒާކުރެވޭ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް އެދެވޭ މިންވަރަކަށް އިތުރުވެގެންދާނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ހިނގަމުންދާ 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 817.7 މިލިއަން އެމެރިކާ ޑޮލަރުގައެވެ. އަދި އަންނަ އަހަރު ނިމޭއިރު މި ޢަދަދު 907.2 މިލިއަން ޑޮލަރަށް އުފުލިގެންދާނެއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މާލީ ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ މަޝްރަހަށް މިއަހަރު އައި ލޮޅުމާއެކު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ކޮންމެވެސް ވަރެއްގެ ދަށްވުމެއް އައި ނަމަވެސް، މިހާރު އެ ޙާލަތު ވަނީ އެއްކޮށް ހަމައަކަށް އެޅިފައި ކަމަށެވެ.
އަދި 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖެއަށް 2.17 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، ބެޑްނައިޓްސް 13.9 މިލިއަނުގައި ހުންނާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، 2027 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު އަހަރެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 2.28 މިލިއަނާއި 2.5 މިލިއަނާ ދެމެދުގެ މިންވަރަކަށް ކުރިއަރައިގެން ދާނެ ކަމަށެވެ. އަދި އެ އަހަރު ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ބެޑްނައިޓްސްގެ ޢަދަދު 14.5 މިލިއަނަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް