ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ސައީދުގެ މައްޗަށް ދައުވާކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ބްލޭޒަން އިންކަށް ދޫކޮށްފައިވާ ކަމަށެވެ.
މި ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ) ގެ ގެއްލުމެއް ލިބިފައިވެ އެވެ. އެގޮތަށް މަސައްކަތް ނުނިމެނީސް ފައިސާ ދޫކުރުމަކީ އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ހިންގާފައިވާ އަމަލަކަށްވާތީ އެ މައްސަލާގައި ދައުވާކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
ކޯޓުން ވަނީ އެ މައްސަލާގައި ސައީދު ކުށްވެރިވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި އަދަބު ކަނޑައެޅީ ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. މީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖަގެ ކުށެކެވެ.
އޭސީސީން މިހާރުވެސް ދަނީ ސައީދަށް ތުހުމަތުވާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓަރު ޖެނެރަލް ނެރުއްވި ފެނަކައިގެ ރިޕޯޓްގައި ސައީދުގެ އެމްޑީ ކަމުގައި ހިންގި 2.2 ބިލިއަންގެ ބޮޑު ހިޔާނާތް ވަނީ ހާމަވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް