އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އޯގަސްޓުގެ ނިޔަލަށް ޑިޖިޓަލައިޒް ކުރެވޭނެ: ސަޢީދު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލްކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ސަޢީދު ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު، 24 ގަޑިއިރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރުވެސް ޚިދުމަތަށް އެދެވޭނެ ކަމަށެވެ.

ނަމަވެސް އެ ޚިދުމަތް އިތުރަށް ތަރައްގީކޮށް، ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ ވަންގަވްއަށް ޚިދުމަތްތައް ބަދަލުކުރެވުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އަދި ވަންގަވްގެ ތެރެއިން ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތައް ދިނުމުގެ ކަންކަން އަަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
”މިހާރު ވަންގަވްއާ ހަވާލުކޮށްގެން އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން. އެއްކޮށް އިނގޭތޯ. އެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެ ސީދާ ތަފްސީލް، މިސާލަކަށް އީފާސް މެދުވެރިކޮށްތޯ، ނުވަތަ ކިހިނެތްތޯ ހަދާނީ މިކަމާބެހޭ ޖުމްލަ ތަސައްވަރެއް އެބައޮތް އަޅުގަނޑުމެންގެ އަތުގައި. ސަރުކާރުން މިކަމާ ގުޅުންހުރި ހުރިހާ ވުޒާރާއެއްގެ އެންޑޯސްމަންޓް ލިބޭ ހިސާބުން އަޅުގަނޑުމެން (ތަސައްވުރު) އިއުލާން ކުރާނަން،" ސަޢީދު ވިދާޅުވިއެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް