ފަސްތަރީގެ ހިތްގައިމު ބާސެލޯ ނަސަންދުރާ ރަސްމީކޮށް ހުޅުވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭގެ ހެންވޭރު ކޮޅުގައި ތަރައްގީ ކޮށްފައިވާ ފަސްތަރީގެ ހިތްގައިމު ބާސެލޯ ނަސަންދުރާ ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތެއް ގައި ބާސެލޯ ނަސަންދުރާ ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ނަސަންދުރާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު ހިއްސާއެއް އޮތް ތަނެއް ކަމަށެވެ. ވެރިރަށް މާލެއަށް ފައިބާ ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ނަސަންދުރާ އަދާކުރި މުހިންމު ދައުރު މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެ ގޮތުގައި ބާސެލޯ ނަސަންދުރާ ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިވެހީންގެ މެދުގައި އެންމެ މަގުބޫލުވި އެއް ހޮޓާ/ރެސްޓޯރަންޓަކީ ނަސަންދުރަ އެވެ. އެތަން ތަޅާލާ މިހާރު ވަނީ 15 ބުރީގެ ހިތްގައިމު އިމާރާތެއް އަޅާފަ އެވެ. މިއީ ފަސްތަރީގެ ތަނެކެވެ.

މި ތަނުގައި ތަފާތު ހަތް ކެޓަގަރީއަކުން 136 ކޮޓަރި ހުރެ އެވެ. އެ ތަނުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަފާތު ތަންތަން ވެސް ވަނީ ހުޅުވާފަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ބާސެލޯ ގްރޫޕުގެ އިސްވެރީންނާއި ދިވެހި ކުންފުނިތަކުގެ އިސްވެރީން ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް