ޙުލްގުހެޔޮ ރަދުން: ދަރުމަވަންތަ ރަސްގެފާނު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދަކީ ހިޖުރީގޮތުން ރަބީޢުލްއާޚިރުމަހުގެ ދެވަނަ ދުވަހެވެ. ދިވެހިން އިސްލާމްދީނުގެ މަތިވެރި ނޫރުގެ ހިޔަލުގެ ދަށަށް އައި އުފާވެރި މުނާސަބަތެވެ. ރާއްޖެ އިސްލާމްވީ ގޮތްކަމަށް ތާރީޚީ ފޮތްތަކުންނާއި ތުންތުންމަތީގެ ޔޯލަ ވާހަކަތަކުން އެނގެންއޮތީ ކޮންމެ މަހަކު އެއްފަހަރު ކަނޑުން އަރާ ފުރޭތައެއް ބަލިކޮށްލުމުން، ރަސްގެފާނުގެ އަމުރަށް މުޅި ރާއްޖެ އިސްލާމްވެގެންދިޔައީ ކަމަށެވެ.
އޭރު ލޮނުޒިޔާރަތްކޮަޅަށް މަހަކު އެއްފަހަރު ކަނޑުން އަރަމުންދިޔަ ފުރޭތަކަމުގައިވާ ރަންނަމާރި ބަލިވެގެންދިޔައީ، އަރަބިކަރައިގެ ހިސާބަކުން އައި ދީންވެރި ބޭކަލެއް ގުރުއާން ކިޔަވައި ވިދާޅުވާ އަޑު އިވުމުން އެބިރުގައި އެސޮރު ކުޑަވެެގެންގޮސް، ފުޅިއަކަށްލެވޭހާ ކުޑަވުމުންނެވެ. އެ ފުރޭތަ ކުޑަވުމުން އަރަބިކަރައިގެ މި ދީންވެރި ބޭކަލަކު އެސޮރު ފުޅިއަކަށްލުމަށްފަހު ރާޅުގަނޑަށް އެއްލާލި ވާހަކައަކީ އަޅުގަނޑުމެންނަށް ކުޑައިރުއްސުރެ އިވޭ ވާހަކައެކެވެ.
ރަންނަމާރީގެ ހަގީގަތާއި ބެހޭގޮތުން ގިނަ ދެބަސްވުންތަކެއް ހުއްޓަސް ހަގީގަތަކީ ރާއްޖެ އިސްލާމްވެގެންދިޔައީ އޭރު ހުންނެވި ރަސްގެފާނު އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ބުރަ ހިތްވަރާއި ގަދަ މަސައްކަތުން ކަމެވެ. އެގޮތުން އެމަނިކުފާނު ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފެތުރުއްވުމަށް ކުރެއްވި ބުރަ މަސައްކަތަކީ މިއަދު ބަލާލުން ހައްގުވެގެންވާ މަސައްކަތެކެވެ.
މިގޮތުން ބަލާލާއިރު ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މިސްކިތެއް އެޅިގެންދިޔައީ ދަރުމަވަންތަ ރަސްގެފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައެވެ. އިސްލާމްދީން ފެތުރުއްވުމަށްޓަކައި އަޅުކަން ކުރާނެ ތަންތަން އެޅުމުގެ މަގުސަދުގައި މާލެއާއި އަތޮޅު ތެރޭގައި އެރަދުން ވަނީ މިސްކިތްތަކެއް ބިނާ ކުރައްވާފައެވެ. މާލޭގައި އެންމެ ފުރަތަމަ ހުކުރު މިސްކިތެއް ބިނާކުރައްވާފަައިވަނީ ދަރުމަވަންތަ ރަސްގެފާނެވެ. މި މިސްކިތް އޭރު ހުރީ މިހާރުވެސް މާލޭ ހުކުރު މިސްކިތް ހުރި ސަރަހައްދުގައެވެ. މިކަން އަޅުގަނޑުމެންނަށް އެނގެން އޮތީ މިރަސްގެފާނުގެ އަމުރުފުޅަށް ބިނާކުރެވުނު، ހުކުރު މިސްކިތް ބައުވެގެން، އައްސުލްޠާން އަޙުމަދު ޝިހާބުއްދީން، އެތަނުގައި ހުކުރު މިސްކިތެއް އަލުން ބިނާކުރެއްވުމަށްފަހު އެމިސްކިތުގައި ބެހެއްޓެވި ފިލާގައި، ދަރުމަވަންތަ ރަސްގެފާނާއި، އެރަދުންގެ އަޚު، ސިރީކަލޯގެ އަމުރުފުޅަށް އަލްވަޒީރު ޝަނިވިރާޒާ، ފުރަތަމަ ހުކުރު މިސްކިތް ބިނާކުރެއްވި ވާހަކަ ލިޔެވިފައި އޮތުމުންެނެވެ. މީގެ އިތުރުން އެރަސްގެފާނަށް ނިސްބަތްވާ ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީވެސް އެރަދުން ފުރަތަމަ ބިނާކުރެއްވި މިސްކިތެކެވެ.
މިސްކިތްތައް ބިނާކުރެއްވުމުގެ އިތުރުން މިސްކިތްތައް ބާރުވެރިކުުރުވައި އެތަންތަނަކީ މުހިންމު ތަންތަންކަމުގައި ހެދުމަށްވެސް ދަރުމަވަންތަ ރަސްގެފާނު ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން މިސްކިތް ފަދަ މުޤައްދަސް ތަންތަން ބެލެހެއްޓުމަށް ދަރުމަވަންތަ ރަސްގެފާނު، އެކި ބިންބިމާއި ރަށްރަށުން ބޯގަ ހަމަޖައްސަވައިދެއްވި ކަމަށް އައްސުލްޠާން އިބްރާހީމް އިސްކަންދަރު ( އެއްވަނަ ) އިގެ ރަސްކަމުގައި ހިޖުރައިން 1063 ގައި ނުވަތަ މީލާދީން 1652 ގައި ލިޔެފައިވާ ސ.ގަމު މާމިސްކިތު ފިލާފަތްކޮޅުން އެނގެން އެބައޮތެވެ.
އިސްލާމީ ދައުލަތުގެ އެންމެ މަތީވެރިއެއްގެ ގޮތުގަައި ދަރުމަވަންތަ ރަސްގެފާނު ވަނީ ދީނުގެ ހިދާޔަތު ފެތުރުއްވުމަށްޓަކައި ރާއްޖޭގެ ކަންކޮޅުތަކަށް ދީނީ އިލްމުވެރިންވެސް ފޮނުއްވާފައެވެ. މަޝްހޫރު ތާރީޚި ފޮތްކަމުގަައިވާ ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު މިފޮތުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި، ދަރުމަވަންތަ ރަސްގެފާނު ދީނާއި ދުނިޔޭގެ، ކަންކަން، ހިންގަވަމުން ގެންދެވީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ވަލީވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ލަފާގެ މަތީންނެވެ. މިއީ ދީނީ އިލްމުވެރިންގެ ބަސް ވެރިކަން ހިންގުމުގައި ބޭނުންކުުރުމުގެ ފެށުމޭވެސް ބުނެވިދާނެއެވެ.
ހިތްޕުޅު ހެޔޮކަމާއި ޚުލްގުވެރިކަމުން ދަރުމަވަންތަ ރަސްގެފާނުގެ ލަގަބު ލިބިވަޑައިގެންނެވި މިރަދުންގެ ސަފްހާ ނިމިފައިވަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އެއްދުވަހަކު ހުކުރު ދުވަހަކު ހުކުރުން ފައިބައި ވަޑައިގަންނަވައިގެން، ޙައްޖަށް ވަޑައިގަތުމަށްޓަކައި ބޭރުން އައިސްއޮތް ނަވަކަށް އަރާވަޑައިގަތުމުން، އުދުހިދިޔަ ދޫންޏެއް ފަދައިން ނައު ދުވެފައިގޮސް މީސްތަކުންގެ ލޯމަތިން ގެއްލިދިޔައީއެވެ. އެފަހުން އެރަދުންގެ ޚަބަރެއް ދިވެހީންނަށް ވެފައި ނެތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް