ސިޓީ ކައުންސިލްތަކަށް އަލުން ބާރުދީފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއި އެކު ސިޓީ ކައުންސިލްތަކުގެ އަތުން ނަގައި، ވުޒާރާތަކަށް ދިން ބާރުތައް، ސިޓީ ކައުންސިލްތަކަށް އަލުން ދިނުމަށް ނިންމައިފިއެވެ.
މިގޮތަށް ސިޓީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓާއި އެއްކޮށް މިއަދު ބޭއްވި ބައްދަލުވުމަކަށްފަހުގައެވެ.
ސިޓީ ކައުންސިލްތަކަށް އަލުން ދިނުމަށް ހަމަޖެހިފައިވާ ބާރުތަކަކީ:
- -އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން
- -ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސް ހިސާބު ނަގައި ބެލެހެއްޓުން
- -އެ ސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން
- -ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުން
- -ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން
- -ރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން، ހިމެނެއެވެ.
ކައުންސިލްތަކަށް އަލުން ބާރުތައް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއްކަން ފާހަގަކޮށްލެވެއެވެ.
ސިޓީ ކައުންސިލްތަކަށް ބާރުތަކާއި ޚިދުމަތްތައް ބަދަލުކުރުން ކުރިއަށް ގެންދެވޭނީ، އެކަމާއި ގުޅުންހުރި ވުޒާރާތަކާއި އެކު ގާއިމްކުރެވޭ އެއްބަސްވުންތަކެއްގެ ދަށުންކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް