ޑެންމާކުން ރެފިއުޖީންތައް ވަކި ރަށެއްގައި ބަންދުކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޑެންމާކްގެ އާ ސަރުކާރުން، އެގައުމަށް އަންނަ ރެފިއުޖީންތައް ވަކިން ރަށެއްގަައި ގެންގުޅުމަށް ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެގައުމުގެ ސަރުކާރުގެ ކޯލިޝަނުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ބިލެއްގެ ދަށުންނެވެ. މިި ބިލްގައި ވާގޮތުގައި ވަކިން ރަށެއްގައި ގެންގުޅުމަށް ނިންމާފައިވަނީ އެގައުމަށް އަންނަ ރެފިއުޖީންގެ ތެރެއިން، ޑެންމާކްގެ މުޖުތަމައުއިން ބޭނުންނުވާނެކަމަށް ގަބޫލުކުރާ ފަރާތްތަކެވެ. އެގޮތުން ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި، ހިމާޔަތުގެ އެޕްލިކޭޝަންތައް ޕްރޮސެސްނުވާ ފަރާތްތަކާއި، ގައުމީ ސަލާމަތަށް ނުރައްކާހުރި ފަރާތްތަކުގެ އިތުރުން އިންސާނިއްޔަތަށްޓަކައި ޑީޕޯޓްނުކުރެވޭ ފަރާތްތައް ހިމެނެއެވެ.
މިފަރާތްތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ޑެންމާކްގެ ކަނޑުގެ ސަރަހައްދުގައި އޮންނަ ލިންޑްހޮލްމް ނަމަކަށް ކިޔާ ރަށަކަށެވެ. މި ރަށަކީ މީގެ ކުރިން ބަލިޖެހިފައިވާ ޖަނަވާރުތައް ކަރަންޓީނުކުރުމަށް ގެންގުޅުނު ރަށެކެވެ.
ޑެންމާކްގެ ސަރުކާރުގެ ވިސްނުމަކީ މިރަށުގައި ސަތޭކަ ރެފިއުޖީން ބޭތިއްބޭނެ ސެންޓަރެއް ގާއިމްކުރުމަށެވެ. މި ސެންޓަރުގެ ވަސީލަތްތައް އިތުރުކުރަން ވެއްޖެ ހާލަތެއްގައި އިތުރުކުރާނެކަމަށްވެސް އެގައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް