ރައީސް ސޯލިހުގެ ކޯލިޝަން ޑީލް އެމްޑީޕީ ޤައުމީ މަޖިލީހުން އުވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަންގެ ލީޑަރުންނާއެކު ހެއްދެވި އެއްބަސްވުން އެމްޑީޕީގެ ޤައުމީ މަޖިލީހުން އުވާލައި އަންނަ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.
ޤައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ރަޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު ގެއްލޭނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ރޭވިފައި އޮވެގެން ނުވާނެއެވެ. އަދި ޕާޓީ ތަކުން އެމްޑީޕީއަށް 35 ދާއިރާ ދިނުމަށް ނިންމި ނިންމުން ބަލައި ނުގަނެވޭނެކަމަށް ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން މިއީ އެއްބަސްވެވޭނެ ވަރު ކަންކަން ނޫންކަމަށް ޤައުމީ މަޖިލިސް މެންބަރުން ވިދާޅުވިއެވެ.
ރޭ ޤައުމީ މަޖިލީހަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ، 87 ދާއިރާއަކަށް ވާދަ ކުރުމަށް ޤައުމީ މަޖިލީހުން ފާސްކުރުމަށެވެ. ވޯޓުގައި ބައިވެރިވެލެއްވި 80 މެންބަރުންގެ ތެރެއިން 72 މެންބަރުން ވަނީ ތާއިދުކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީ އިން މަޖިލިސް އިންތިހާބާއި އެއަށް ފަހު އޮޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް 22 ދާއިރާ ދޭން އެއްބަސްވި އިރު އެމްއާރްއެމްއަށް 20 އަދި އަދާލަތަށް 13 ދާއިރާ ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އެހެންކަމުން މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި އެކުލަވާލި ކޯލިޝަން ރޫޅި ސަރުކާރުގެ ތެރޭގައި އިތުރަށް މަސްލަހަތު ގޯސްވެގެންދާނެކަމެއްކަމަށްވެއެވެ.
މި މައްސަލާގައި ޖުމްހޫރީ ޕާޓީ، އެމްއާރއެމް އަދި އަދާލަތް ޕާޓީން ވަކިއެއްޗެއް އަދި ހާމަކޮށްފައި ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް