ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަނާއެކު ސަފީރު މަހްލޫފްގެ ބައްދަލުވުމެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަހުމަދު މަހްލޫފް ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިސް ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖަޕާނުގައެވެ. ބައްދަލުވުމުގައި ސަފީރު މަހްލޫފް ވަނީ ޖޭއެފްއޭގެ ރައީސް ސުނޭޔާސޫ މިޔަމޮޓޯ އާ ބައްދަލު ކުރައްވައި ފުޓްބޯޅައިގެ ބައެއް ކަންކަމަ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ޖޭއެފްއޭ ގެ ފަރާތުން އެހީތެރިކަން ރާއްޖޭގެ ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މެދުގައި އޮތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އިތުރުން ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމުގައިވެސް ޖަޕާނަކީ އަބަދުވެސް އެހީތެރިކަން ދެމުން އަންނަ ޤައުމެކެވެ. މި ބައްދަލުވުމުގައި ސަފީރު މަހްލޫފް ވަނީ އެކި ކަންކަމުގައި ޖަޕާނުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި އެކަން ވަރަށްބޮޑަށް ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސަފީރު މަހްލޫފް ވަނީ، ކުރިއަށްއޮތް ވަރލްޑްކަޕްގައި ޖަޕާނުގެ ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް