ފެންހިންދުމާއި އާންމުންގެ އެހީތެރިކަމަށް ސިފައިންނާއި ފުލުހުން ނިކުމެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައާއި ގުޅިގެން މަގުތަކުން ފެންހިއްކުމާއި އާންމުންނަށް އެހީތެެރިވުމަށް ސިފައިންނާއި ފުލުހުން ނިކުމެއްޖެއެވެ.
މިގޮތުން އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށްވާރޭވެހި، ބައެއް މަގުތަކުން ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއިން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރި ޓްވީޓެއްގައިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ވަރަށްބޮޑަށް ފެންބޮޑުވުމާއި ގުޅިގެން ގޭގެއަށާއި ފިހާރަތަކަށް ފެންވަންނަމުންދާތީ، އެފަދަ ތަންތަނުގައި ފެން ނުވަންނާނެހެން، ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ބަސްތާ ޖަހަމުން އަންނަކަމަށް ބުނެފައެވެ.
މިއަދު ހެނދުނު 11 ޖެހިއިރުއްސުރެ ވާރޭ ވެހެމުންދާއިރު، އައިޖީއެމްއެޗް އަދި އަމީނީ މަގު ފަދަ ސަރަހައްދުތަކުގައި ދެފޫޓެއްހާ އުސްކޮށް ވަނީ ފެންބޮޑުވެފައެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި ދުއްވާ ތަކެތި ދުއްވުމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ކ. އަތޮޅާއި އ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރެފަ އެެވެ. އަދި ހއ އަތޮޅާއި އ. އަތޮޅުގެ ދެމެދަށް ވައިޓް އެލާޓެއް ވެސް ނެރެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް