ރާޖަޕަކްސަގެ ބާރުތައް ކޯޓުން ހިފެހެއްޓުން ގަބޫލެއްނުކުރެވުނު!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އައްޔަންކުރެއްވި، މަހިންދަ ރާޖަޕަކްސައާއި އޭނާގެ ކެބިނެޓަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެކަމަށްބުނެ އެގައުމުގެ އިސްތިއުނާފު ކޯޓުން ކުރި ހުކުމް ބަލައިނުގަންނާނެ ކަމަށް މަހިންދަ ރާޖަޕަކްސަ ބުނެފިއެވެ.
މިއަދު އެގައުމުގެ އިސްތިއުނާފު ކޯޓުން ނެރުނު ވަގުތީ އަމުރެއްގައިވާގޮތުގައި ރާޖަޕަކްސަގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއްކަން ކަނޑައަޅައި ނިމެންދެން އޭނާ އާއި އޭނާގެ ކެބިނެޓަށް ވެރިކަން ނުކުރެވޭނެއެވެ. މި އަމުރު ނެރެފައިވަނީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީން ހުށައެޅި ޕެޓިޝަނެއްގެ މައްޗަށް ބިނާކޮށެވެ.
ރާޖަޕަކްސައަކީ ލަންކާގެ ގާނޫނީ ބޮޑުވަޒީރު ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 12 އަދި 13 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލްކުރެވިފައެވެ.
އިސްތިއުނާފު ކޯޓުން ނެރުނު އަމުރާއި ގުޅިގެން މަހިންދަ ރާޖަޕަކްސަގެ އޮފީހުން ބުނެފައިވަނީ ލަންކާގެ ގާނޫނު އަސާސީއަށް އެންމެ ފަހުބަސް ބުނެވޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެހެންކަމުން މި މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ހުށައަޅާނެކަމަށެވެ.
ހަބަރުފެތުރޭ ގޮތުގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އަދިވެސް ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އައުމަށް ހިތްހަމަޖެހިވަޑައެއް ނުގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް