ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހދ.ނޮޅިވަރަންފަރުގައި އެޅުމަށް ނިންމާފައިވާ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ނޮޅިވަރަންފަރަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއް، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެެވެ.
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އަގަކީ 11.4 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ނިންމަންޖެހޭ މުއްދަކީ 365 ދުވަހެވެ. އެއްބަސްވުމުގެ ދަށުން އައު އިމާރާތުގައި ދަށުން ނަރުހުންގެ ޖަގަހައަކާއި، ވޯޑް، ލެބޯރެޓަރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖަކާއި ގުދަނެއް ހުންނަން ޖެހެއެވެ.
ނޮޅިވަރަންފަރުގައި ގާއިމްކުރަން ނިންމާފައިވަނީ މަތީ ފަންތީގެ ސިއްހީމަރުކަޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ނޮޅިވަރަންފަރު އައު ސިއްހީމަރުކަޒު ނިމުމުން ހާއްސަ ޑޮކްޓަރުންނާއި، މުއައްޒަފުން އިތުރުވެގެންދާނޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް